Ugail

ޕްރޮފެސަރ ހަސަން އުގެއިލް

ހިސާބު ޢިލްމުވެރިއެއް . ސައެންސްވެރިއެއް . މުޖުތަމަޢުއަށް ޚިދުމަތްކުރައްވާ ބޭފުޅެއް

Professor Ugail

 

ސ. ހިތަދޫއަށް އުފަން ހަސަން އުގެއިލް އަކީ ހިސާބު ޢިލްމުވެރިއެއްގެ އިތުރުން ކޮމްޕިއުޓަރ ސައެންޓިސްޓެއް އަދި މުޖުތަމަޢުއަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ހިތަދޫ ނޫރާނީ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އާއިލާގެ އެހީތެރިކަމާއެކު އިތުރަށް ކިޔަވާ ވިދާޅުވުމަށްޓަކައި މާލެއަށް ބަދަލުވެ މާލޭގެ އިންގްލިޝް ޕްރެޕަރޭޓަރީ ސްކޫލް އަދި ސައެންސް އެޑިއުކޭޝަން ސެންޓަރުން ތަޢުލީމު ހާޞިލުކުރެއްވެވިއެވެ. އޭރުވެސް އުގެއިލްއަކީ ތަޢުލީމީ ރޮނގުން ފާހަގަކޮށްލެވޭ މޮޅު ދަރިވަރެއްކަމުން ބްރިޓިޝް ކައުންސިލްގެ ސްކޮލަރޝިޕެއް ޙާޞިލުކޮށް 1992 ގައި އިނގިރޭސިވިލާތުގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ.

 

ހިސާބު ޢިލްމުގެ ރޮނގުން ޕީ.އެޗް.ޑީ. ހާޞިލުކުރެއްވި ފުރަތަމަ ދިވެހި ރައްޔިތަކަށް ވުމުގެ ޝަރަފު ލިބިވަޑައިގަތުމުގެ އިތުރުން ސައެންސްގެ ދާއިރާއިން ޕްރޮފެސަރކަން ހާޞިލުކޮށްފައިވާ ހަމައެކަނި ދިވެއްސަކީ ވެސް ޕްރޮފެސަރ ހަސަން އުގެއިލްއެވެ. އަދި ހަމަ އެހެންމެ ޕްރޮފެސަރ އުގެއިލް ފާހަގަކުރެވެނީ އުމުރުން އެންމެ 38 އަހަރުގައި ޕްރޮފެސަރޝިޕް ލިބިވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. ޕްރޮފެސަރ އުގެއިލް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގެ ބްރެޑްފަރޑް ޔުނިވަރސިޓީގެ ވިޝުއަލް ކޮމްޕިއުޓިންގ ޕްރޮފެސަރއެއްގެ ހައިޞިއްޔަތުންނާއި އެ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ވިޝުއަލް ކޮމްޕިއުޓިންގެ ޑިރެކްޓަރގެ މަޤާމުގައިއެވެ. މީގެ އިތުރުން ޕްރޮފެސަރ އުގެއިލް ދިރާސާ ކުރައްވާ ދާއިރާތަކުގެ ތެރޭގައި ޖިއޮމެޓްރިކް ޑިޒައިން އަދި ވިޝުއަލައިޒޭޝަނާއި ސިމިއުލޭޝަން ބޭސްޑް ޑިޒައިން ހިމެނެއެވެ. އަދި މީހުން ދެނެގަތުމުގެ ޓެކްނޮލޮޖީ ނުވަތަ ފޭސް ރެކޮގްނިޝަން ސޮފްޓްވެއަރ ތަރައްޤީކުރެއްވުމުގައި ޕްރޮފެސަރ އުގެއިލްގެ މަސައްކަތްތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

 

ޢިލްމީ މަސައްކަތްކުރެއްވުމުގެ އިތުރުން ޕްރޮފެސަރ އުގެއިލް ގެންދަވަނީ ސައެންސްގެ ރޮނގުން އިތުރު ދިވެހިންތަކެއް ބިނާކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ސައެންސާ ގުޅުންހުރި ދިވެހި ޓީވީ ޕްރޮގްރާމްތައް ތައްޔާރުކުރުމާއި މި ދާއިރާއާ ގުޅޭގޮތުން ތަފާތު ލިޔުންތައް ދިވެހިރާއްޖޭގެ ނޫސް މަޖައްލާތަކުގައި ޝާއިރުކުރުން ހިމެނެއެވެ. ޕްރޮފެސަރ އުގެއިލް ޤަބޫލުކުރައްވާ ގޮތުގައި މުޖުތަމަޢުއެއް ތަރައްޤީވެ ކުރިއަރައި ދިއުމަށްޓަކައި މީހުންގެ ވިސްނުން ތަރައްޤީކޮށް ތަފާތު ކަންތައްތަކާމެދު ސުވާލުކޮށް، ވިސްނާ ފިކުރުކުރާ ޖީލެއް ބިނާކުރަން ޖެހެއެވެ. އެހެންކަމުން ރާއްޖޭގައި މިފަދަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އުގެއިލް ފައުންޑޭޝަން އަދި ދަސަރކަލް  މެދުވެރިކޮށް އެކި ޢުމުރުފުރާގެ މީހުންނަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމްތައް މިހާރު ކުރިޔަށްގެންދަމުންދެއެވެ.