އެހެން މީހުންނަށް ވުރެ ތިމާގެ ނަފްސާއި ދިރިއުޅުން ގޯސް ކަމަށް ހިތާ، އަޅައި ކިޔުމަކީ ދިރިއުޅުމުގެ އުފާތަކުން މަހުރޫމު ވުމުގެ އަސްލު
އެންމެ ފަހުން ތިބާގެ އަމިއްލަ ދިރިއުޅުން، އެހެން މީހެއްގެ ދިރިއުޅުމާއި އަޅައި ކިޔާލީ ކޮން އިރަކު ހެއްޔެވެ؟ ދިރިއުޅުމުގައި ކުރާ ކަންތައްތަކާއި، ލިބޭ ކާމިޔާބީ އާއި، ތިމާގެ ހުނަރުތަކާއި އަދި ނުވީތާކު ތިމާގެ އަމިއްލަ ހަށިގަނޑު ހުންނަގޮތާއި، އެހެންމީހުންގެ މިފަދަ ކަންކަމާއި އަޅުގަނޑުމެންނަށް އަޅައި ކިޔާލެވެ އެވެ. ނޫން ތޯ އެވެ؟
އެނގިގެން ނުވަތަ ނޭގި ނަމަވެސް، އަމިއްލަ ދިރިއުޅުން ދަނީ ގޯސްކޮށް ކަމަށް ދެކި، އެހެން މީހުންގެ ދިރިއުޅުމާއި އަޅައި ކިޔުމުގެ ސަބަބުން، މީހާ މާޔޫސްވެ އޭގެ ނަތީޖާ ވަރަށް ހިތިކޮށް ފެންނަ ހިސާބަށް ވެސް ދެ އެވެ. މި ދަރަޖަ އަށް ގިނަ ފަހަރަށް ދަނީ ތިމާގެ ދިރިއުޅުން އެހެން މީހުންގެ ދިރިއުޅުމަށް ވުރެ ފުރިހަމަ ކުރުމަށް ނުވަތަ އެހެންމީހުންނާއި ވާދަ ކުރުމަށް ހިފާލެވޭ ހިސާބުން ނެވެ. މި ގޯސް ސިފަ އަކީ، އަދި ވަކި ދަރަޖައަކަށް މީހާ ނިސްބަތް ވާތީ އެކަމުން އެމީހާ އިސްތިސްނާވާ ކަމެއް ވެސް ނޫންކަން ފާހަގަ ކުރެވެ އެވެ.
ކޮންމެއަކަސް، ވަކި ހައްދެއްގެ ތެރޭގައި، އެހެން މީހުންގެ ދިރިއުޅުމާއި ތިމާގެ ދިރިއުޅުން އަޅައި ކިޔުމަކީ މުޅިއަކުން ގޯސްކަމެއް ވެސް ނޫނެވެ. ހަމަ އެހެންމެ، ގަބޫލު ކުރެވޭ ވަކި ހާއްސަ ސިފަތަކެއްގެ ވެރިއެއްގެ ގައިގަ ހުންނަ ރަނގަޅު އާދަތައް ނަމޫނާއެއްގެ ގޮތުގެ ބެލުމަކީ މައްސަލައެއް ނޫނެވެ. އެއީ ކޮންމެހެން ކުރުން ރަނގަޅުމެ ވެސް ކަމެކެވެ.
މިވާހަކަ އިތުރަށް ތިލަކޮށްލަ ދިނުމަށް، މިތުރަކު އަޅުގަނޑު ގާތު ބުނި ވާހަކަ އެއް ހިއްސާ ކޮށްލާނަމެވެ. "އަމިއްލަ ގޭގެ ބަގީޗާގެ ވިނަގަނޑަށް ފެންދީ އެ ވިނަގަނޑު ގަވައިދުން ސާފުކުރާނަމަ އެ ވިނަގަނޑު ވަރަށް ވެސް ފެހި ވެފައި ރީތި ވާނެ އެވެ. އޭގެ ބަދަލުގައި އަވައްޓެރި މީހާގެ ބަގީޗާގެ ވިނަގަނޑު އޮތީ ކޮންގޮތަކަށްތޯ ބަލަން މަސައްކަތް ކޮށް އެކަމަށް ގިނަ ވަގުތު ހޭދަ ކުރާނަމަ، ތިމާގެ އަމިއްލަ ބަގީޗާގެ ވިނަގަނޑަށް އަޅާ ނުލެވި ހިނގައިދާނެ އެވެ." މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ތެދެކެވެ. ނޫން ތޯ އެވެ؟