ކިތަންމެ މޮޅުމީހަކަށް ވެސް ގޯހެއް ހެދިދާނެ!
މަޝްހޫރު ސައިންސްވެރިޔާ އައިންސްޓައިންގެ ތޫނުފިލިކަމުގެ ވާހަކަ އަޅުގަނޑުމެން އެންމެންވެސް އަޑުއަހަމެވެ. ޔަގީނެވެ. އައިންސަޓައިން އަކީ ދުނިޔެދުށް މޮޅުމީހެކެވެ. ސިކުނޑީގެ ތެތްކަން ވަޒަން ކުރާ މިންގަނޑު ތަކުން މަތީ މާކްސް ހޯދައިފައިވާ މީހެކެވެ. އިލްމީ ރޮނގުން ބެލި ކަމުގައިވިއަސް އަގު ވަޒަން ނުކުރެވޭފަދަ ކުރިއެރުން އައިންސްޓައިންގެ ފަރާތުން އިންސާނިއްޔަތަށް ލިބިފައި ވެއެވެ. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން އިންސާނުން މިހާތަނަށް ދުނިޔެއަށް ގެނެސްދީފައިވާ ކުރިއެރުން ރަމްޒް ކޮށްދޭ ހިސާބުގެ ސަތާރަ އީކްއޭޝަން ތަކުގެ ތެރެއިން އެންމެ މުހިންމު އެއް އީކްއޭޝަން ވުޖޫދަށް ގެނެސްދީފައި ވަނީވެސް ހުދު އައިންސްޓައިންއެވެ. ކައުނުގެ ބޮޑެތި ސިއްރުތައް ހިސާބު އިލްމުގެ އަލީގައި އައިންސްޓައިން އަޅުގަނޑުމެންނަށް ވަނީ ހާމަކޮށްދީފައެވެ.
އެހެންކަމުން، އައިންސްޓައިން ފަދަ މީހަކަށް ގޯހެއް ހެދިދާނެކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ވަކިން ޚާއްސަކޮށް އޭނާގެ މުޅި ހަޔާތް އެކަމަކަށް ހުސްކޮށް ރެއާދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ސައިންސުގެ ދާއިރާއާ ގުޅޭ ކަމެއްގައި ބޮޑު ގޯހެއް އޭނާއަށް ހެދިދާނެކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ މިނުކުތާއަށް އަލިއަޅުވާލުމަށް މާޒީގެ އެއްގަރުނު ފަހަތަށް ޖެހިލާނަމެވެ.
1917 ވަނައަހަރު ޒުވާން އައިންސްޓައިން ކައުނުގައި އެކުލެވޭ ދަމާބާރު (ގްރެވިޓީ) އާ ބެހޭގޮތުން ވަރަށް އާދަޔާ ހިލާފު ވިސްނުމެއް ސައިންސުގެ އަލީގައި ދުނިޔެއަށް ހާމަ ކުރިއެވެ. މިގޮތުން، ދަމާބާރަކީ އޭގެ ސަބަބުން ކައުނުގެ އެކި ކަންކޮޅުގެ "ބައްޓަން" ބަދަލުކޮށް އޭގެ ބާރު ކައުނުގައި އެކުލެވޭ ތަކެއްޗަށް ފޯރުކޮށްދޭ އެއްޗެއް ގޮތުގައި އޭނާ ހާމަކުރިއެވެ. އައިންސްޓައިންގެ މިފިކުރުވެރި ހިޔާލުން އޭރުގެ ސައިންސްވެރިން ވަރަށް ބޮޑަށް ސިއްސުވާލިއެވެ.
ސަބަބަކީ، ދަމާބާރާއި ގުޅޭގޮތުން އޭރު ސައިންވެރިންނަށް ވިސްނިފައި އޮތްގޮތް ނުބައިކަން ހާމަ ކުރުމުންނެވެ. އޭގެ 150 އަހަރު ކުރިން މަޝްހޫރު ސައިންސްވެރިޔާ ނިއުޓަންގެ ފަރާތުން ވާރުތަ ވެފައިވާ ދަމާބާރާއި ބެހޭ އެހެން އީކްއޭޝަންތަކާއި އައިންސްޓައިންގެ ވިސްނުމާ ސީދާ ފުށުއަރާތީއެވެ. ނިއުޓަން ހާމަކުރި ގޮތުގައި ދަމާބާރަކީ ދެއެއްޗެއް ދެތެރޭ ހުންނަ ގުދުރަތީ ބާރެކެވެ. އޭގެ ސަބަބުން އެކައްޗެއް އަނެކައްޗަކާއި ކައިރި ކުރަން އަބަދުވެސް ބާރު އަޅާނެއެވެ. މިސާލަކަށް ބޯޅައެއް މައްޗަށް އެއްލާލުމުން ބިންމައްޗަށް އަނބުރާ ވެއްޓެނީ ދުނިޔެއާއި ބޯޅައާއި ދެމެދު އުފެދިފައިވާ ދަމާބާރުގެ ސަބަބުންނެވެ. މިއީ މިހާރުވެސް، ސުކޫލް ކުދިންނަށް ދަމާބާރާ ބެހޭގޮތުން ނަގާދެވޭ ފުރަތަމަ ސައިންސް ފިލާވަޅުތަކުގައި ބުނެދެވޭ ގޮތެވެ.
އެހެންނަމަވެސް، އައިންސްޓައިންގެ ފިކުރުގައި ދަމާބާރު ހާމަ ކޮށްދެވެނީ އެއަށްވުރެ ފުޅާ ގޮތެއްގައެވެ. ދަމާބާރަކީ ކައުނުގައި އެކުލެވޭ ތަކެތީގެ ސަބަބަބުން ކައުނުގެ ބައްޓަން ބަދަލުކޮށް އެކަތި އަނެކަތީގެ ދެމެދުގައި ހުންނަ "ދުރުމިން" ބަދަލު ކުރާ އެއްޗެއްގެ ގޮތުގައެވެ. އަދި ހިސާބުގެ އަލީގައި ދަމާބާރާ ގުޅިގެން އައިންސްޓައިން އޭނާގެ ވިސްނުން ރަނގަޅުކަމަށް ވަރަށް ސަރީހަކޮށް ހާމަ ކޮށްދިނެވެ.
ދަމާބާރާއި ގުޅުވައިގެން އައިންސްޓައިން ތައްޔާރުކުރި މިއީކްއޭޝަނުގައި ދަމާބާރު މަސައްކަތް ކުރާގޮތް ކިތަންމެ ރަނގަޅަށް ހާމަ ކޮށްފައި އޮތެއް ކަމަކު އޭގައި ވަރަށް ބޮޑު އުނި ކަމެއް އޮތެވެ. އެއީ، އެއީކްއޭޝަނުން ހާމަކޮށްދިން ގޮތުން، ކައުނުގައި ހިމެނޭ ބޮޑެތި ތަރި އަދި މަޑިކިލަބު (ގެލެކްސީ) ފަދަ ތަކެތި، އަތަކެތީގެ ދެމެދުގައިވާ ދަމާބާރުގެ ސަބަބުން، އެކަތި އަނެކައްޗާއި ކައިރިވެ ކައުނު އޭގެ ޒާތުގައި ވަރަށް ބޮޑުތަން ކުޑަ ވާނެއެވެ. އަދި މިގޮތަށް ކައުނު ކުޑަވަމުންގޮސް ކައުނު ވާން ޖެހެނީ މީގެ އެތައް ސަތޭކަ މިލިއަން އަހަރު ކުރިން ނިމިގޮސްފައެވެ. ކޮންމެއަކަސް، މިކުށް ރަނގަޅުކުރުމަށް އައިންސްޓައިން އޭނާގެ އީކްއޭޝަނަށް އިތުރު އެއްޗެހި ވައްދައިގެން ބަދަލު ތަކެއް ގެނެސް އެހަމަޖެއްސިއެވެ.
އެހެންނަމަވެސް، މިގޮތަށް އީކްއޭޝަނާ ކުޅެ ހަމަޖެއްސުމުގައި އައިންސްޓައިން ވަރަށް ބޮޑު ގޯހެއް ހެދިއެވެ. އެއީ ކައުނުގައި އެކުލެވޭ ބޮޑެތި މަޑިކިލަބު ފަދަ ތަކެއްޗަކީ އެއްތަނެއްގައި ހުއްޓި ތިބޭ ތަކެތި ކަމަށް އޭނާ ކަނޑައެޅިއެވެ. އަދި ކައުނު އޭގެ ޒާތުގައި ބަދަލުވުމެއް ނެތި އެއްގޮތަކަށް އޮންނަކަމަށް ކަނޑައަޅާ އައިންސްޓައިން އޭނާގެ އީކްއޭޝަން ތަރުތީބުކޮށް ދުނިޔެއަށް އެވާހަކަ އިއުލާން ކުރިއެވެ. ކޮންމެއަކަސް، އައިންސްޓައިންގެ މިއަމަލަކީ، ކައުނަކީ އޭގެ ޒާތުގައި މަޑުމުޑުން އޮންނަ އެއްޗެއްކަން އަންގައިދޭނެ މާބޮޑު ހެކިތަކެއްނެތި، ހަމައެކަނި އޭނާގެ އީކްއޭޝަނުން ކައުނު ހިނގާގޮތް ބަޔާން ކޮށްދިނުމުގެ ނިޔަތުގައި ކުރި ކަމެއްކަމަށް ލަފާ ކުރެވެއެވެ. އަދި އަދަޔާ ހިލާފު ފިކުރުވެރި ހިޔާލެއްގެ ސަބަބުން ލިބިގެންދާނެ ޝަރަފަކަށް ފެންބޮވައިގެންފައި ހުރިވަރުން ކަމަށްވުންވެސް އެކަށީގެން ވެއެވެ.
އައިންސްޓައިންގެ އެއީކްއޭޝަން ދުނިޔެއަށް އާންމު ކުރިތާ 12 އަހަރު ފަހުން، 1929 ވަނަ އަހަރު އެމެރިކާގެ މަޝްހޫރު ނުޖޫމީ އިލްމުވެރިއެއް ކަމަށްވާ އެޑްވަރޑް ހަބްލް އެގައުމުގެ ތަރިބަލާގެއެއްގެ ތެރޭގައި ހުރި ދުރުމީއަކުން ކައުނު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑުވަމުން ކަމުގެ ހެކި އައިންސްޓައިން އަށް ދެއްކިއެވެ. ފުއްޕާހަމަކަށް ވައިޖަހާއިރު އޭތި ބޮޑުވަމުން ދާ ފަދައިން ތަރިތަކާއި މަޑިކިލަބުތަކުގެ ދުރުމިން ބޮޑުވަމުން މުޅިކައުނުވެސް ދަނީ އޭގެ ޒާތުގައި ފުޅާވަމުން ކަން މިހާރު ސައިންސްގެ އަލީގައި ހާމަވެއެވެ. އެހެންކަމުން، ކޮންމެވެސް ދުވަހަކުން މިކައުނު ނެތިފަނާވާނެކަންވެސް ސައިންސްގެ އަލީގައި މިހާރު ހާމަވެއެވެ.
ތަރިތަކާއި މަޑިކިލަބުފަދަ ތަކެތީގެ ދެމެދުގައި ހުންނަ ދުރުމިން ބޮޑުވަމުން ދާކާން އަދި ކައުނު ފުޅާވަމުންދާކަމުގެ ހެކި ފެނުމުން އައިންސްޓައިންއަށް ލިބުނީ ބޮޑު ޝޮކެކެވެ. އެއީ، އޭނާގެ މަޝްހޫރު އީކުއެޝަން ތަރުތީބު ކުރިގޮތް ރަނގަޅު ނޫންކަންވެސް ވިސްނުމުންނެވެ. ހެދުނު ގޯހުގެ ބޮޑުކަން އިހްސާސްވުމުންނެވެ.
ކޮންމެއަކަސް އައިންސްޓައިން އަށް މިކުރިމަތިވި ބޮޑު ވެއްޓުމާއި ގުޅިގެން އޭނާގެ އަމަލު ބެހެއްޓީ ބުއްދިވެރިއަކު ކަންތައް ބަހައްޓާނެ އެންމެ ރަނގަޅު އުސޫލުންނެވެ. އެއީ ގޯހެއް ހެދުނުކަން އެނގުމުން އެކަމަށް އިއްތިރާފް ވުމެވެ. މިގޮތުން، އެކުރެވުނު ކަމަކީ އޭނާގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސްކަމުގައި އައިންސްޓައިން ބުންޏެވެ. އެއީ އައިންސްޓައިންގެ މަގުބޫލުކަން މީހުން ކުރިމަތީގައި އިތުރުވެގެން ދިޔަކަމެއްވެސް މެއެވެ. ސައިންސުވެރިއަކަށް އޭނާގެ ފިކުރުވެރި ހިޔާލެއްގެ ދޯދިޔާކަން ހާމަވުމަކީ މައްސަލައެއް ނޫނެވެ. ގޯސް މަގަކުން ހިނގޭކަން އިހްސާސްވާހިނދު އެކަމަށް އެއްބަސްވުމަކީ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ތެދު ދޮގު ހޯދަން މަސައްކަތް ކުރާކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
ހަގީގަތުގައި ސައިންސަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ސައިންސަކީ މީހުންގެ މޫނަށް ކަނދުރާއަށް ނުބަލާ ކަމެއްގައި އޮންނަ ތެދު ހާމަ ކުރުމަށް މަސައްކަތް ކުރަން އިންސާނުން ގެންގުޅޭ އާލާތެއްގެ ގޮތުގައި މާނަ ކުރެވިދާނެއެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ ސައިންސަކީ އިލްމާއި ހިލްމުގެ ތެދު ދޮގު ވަޒަން ކުރާ މީޒާނެކެވެ.