Ugail

ދިރިއުޅުން

ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މުހިއްމު ވަނީ ތެދުވެރިކަމާ އެކު ކުރާ މަސައްކަތް

Published on 5/1/2021

އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކު މަޝްހޫރު ކުންފުނި ކަމަށްވާ ގޫގްލުގެ ވަޒީފާއަކަށް އެދި އެތަނަށް ފޮނުވި ސިޓީއެއްގެ ވާހަކަ ތިބާ އަޑު އެއްސެވިންތޯ އެވެ؟ އިނގިރޭސިވިލާތަށް އުފަން އުމުރުން އެންމެ ހަތް އަހަރުގެ ކްލޮއީ ބްރިޖްވޯޓާ ނަމަކަށް ކިޔުނު ތުއްތު ކުއްޖަކު ގޫގްލުގައި ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުރިވަރު ބަޔާންކޮށް އޭނާ އަމިއްލަ އަތުން ލިޔުނު ސިޓީއަކަށް ގޫގްލުގެ އިސްވެރިޔާ ސުންދާރް ޕިޗާއީގެ ސަމާލުކަން ލިބިގެންދިއުން ވެގެންދިޔައީ ގިނަބަޔަކަށް ބޮޑު ހައިރާން ކުރުވަނިވި ކަމަކަށެވެ.

އާއެކެވެ. އުމުރުން އެންމެ ހަތް އަހަރުގެ ތުއްތު ކުއްޖަކު އެފަދަ ސިޓީއެއް ދުނިޔޭގެ ނަން ހިނގާ ބޮޑު ކުންފަކަށް ފޮނުވަން ވިސްނައި ފިކުރުކޮށް އޭގައި އަމަލީ ކުލަ ޖެއްސުމަކީ ހަގީގަތުގައި ވެސް އާދައިގެ ކަމެއް ނޫނެވެ. ހަމަ އެހެންމެ، އެ ކުންފުނީގެ އިސްވެރިޔާ އެފަދަ ސިޓީއަކަށް ނަޒަރު ހިންގައި އެއަށް ޖަވާބެއް އެރުވުމަކީ ވެސް ހަމަ އެފަދަ އާދަޔާ ހިލާފު ކަމެކެވެ. އަދި ހަމަ އެހެންމެ، އެސިޓީގެ ޖަވާބުގައި ޕިޗާއީ ލިޔުއްވި ވާހަކަތަކުން ވެސް ވަރަށް ބޮޑު އިބުރަތެއް އަޅުގަނޑުމެންނަ ހާސިލު ކުރެވެ އެވެ.

ކްލޮއީ، ފޮނުވި ސިޓީގެ ޖަވާބުގައި ޕިޗާއީ ވިދާޅުވި އެވެ. "ގަދަ އަޅައި މަސައްކަތް ކޮށްފި ނަމަ، ބޭނުންވާ މަންޒިލަށް ވާސިލު ވުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. އަދި އެކަމުގައި ތެދު ނިޔަތާއި އެކު މަސައްކަތް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް އެމީހަކު ދެކެމުންދާ ހުވަފެން ހަގީގަތަކަށް ހެދޭނެކަން ކަށަވަރެވެ. އެއީ އޮލިމްޕިކްގެ ފެތުމުގެ ރޭހެއްގައި ބައިވެރިވެ ވަނައެއް ހޯދުން ނުވަތަ ގޫގުލްގައި ވަޒީފާ އަދާކުރުން ކަމުގައި ވީނަމަ ވެސް މެއެވެ."  އަދި ކިޔަވައި ނިމިގެން، ގޫގުލްގެ ވަޒީފާއަށް އެދި ސިޓީ ފޮނުވާނެކަމުގެ އުއްމީދުގައި ހުރިކަމަށް ވިދާޅުވެ، ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުންފުނީގެ ވެރިޔާ، ޕިޗާއީ ވަނީ ތުއްތު ކްލޮއީއަށް ހިތްވަރު ދެއްވާފަ އެވެ.

ޕިޗާއީގެ ޖަވާބު ވަރަށް ވެސް ފުރިހަމައެވެ. އެހެން ނޫންތޯ އެވެ؟ އަޅުގަނޑު ގަބޫލޫ ކުރާގޮތުގައި ޕިޗާއީގެ ޖަވާބު އެހާމެ އިބުރަތްތެރި ވެސް މެއެވެ.  އެހެނީ ކަމަކަށް އެދި އެއާ ގުޅޭ ހުވަފެނެއް ތިމާގެ ސިނކުޑީގައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަމައެހެންމެ، އެކަމަށް ގަދައަޅާ މަސައްކަތް ކުރުމަކީ އަދި އެއަށްވުރެ ވެސް މުހިއްމު ކަމެކެވެ. ޕިޗާއީގެ ޖަވާބުން ވެސް ހާމަވެގެން ދިޔައީ ގޫގުލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތް ކަމެވެ. އެކަމަކު އެކަން ހަގީގަތަކަށް ހެދޭނީ އެފަދަ ވަޒީފާއެއްގެ ބޭނުމުގައި އެކަމަށް ގަދައަޅާ މަސައްކަތްތަކެއް ވެސް ކޮށްގެންނެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ، ތުއްތު ކްލޮއީ އަށް އޭނާގެ ހުވަފެނީ ވަޒީފާ ކާމިޔާބު ކުރުމަށް ހިތްވަރު ދެއްވުމުގެ އިތުރުން އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެ ހުވަފެންތަކުގެ މަތީގައި ސާބިތުކަމާ އެކު ދެމި ހުރުމަށް ޕިޗާއީ ވަނީ ނަސޭހަތްތެރި ވެފަ އެވެ.

ކޮންމެއަކަސް، މީހެއްގެ ހުފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އެމީހެއްގެ އަމިއްލަ ޒިންމާ އެކެވެ. އެހެން މީހުންނަށް އެފަދަ ކަމެއްގައި ނަސޭހަތާއި ހިތްވަރު ދެވިދާނެ އެވެ. އެހެނަސް، އެފަދަ ކަމެއްގައި އަމަލީ ކުލަ ޖައްސަން ބުރަ މަސައްކަތް ކުރަން ޖެހޭނީ ތިމާ އަމިއްލަ އަށެވެ. މިއީ އަޅުގަނޑުމެން ދަރިންނަށް ނަގައިދޭން ޖެހޭ މުހިއްމު ފިލާވަޅެކެވެ. ހަމައެހެންމެ، މިއީ އަޅުގަނޑުމެން އަމިއްލައަށް ވެސް ދަސްކުރަން ޖެހޭ މުހިއްމު ފިލާވަޅެކެވެ.