Ugail

ދިރިއުޅުން

ޕްރޮފެސަރ ހަސަން އުގެއިލްގެ ވަރަށް ކުރު ތަޢާރަފެއް

Published on 11/03/2017

މިއީ ޕްރޮފެސަރ ހަސަން އުގެއިލް. އޭނާގެ ނަމަކީ ތިޔަ ބޭފުޅުންނަށް އާ ނަމެއް ނޫން. މޫނަކި އާ މޫނެއް ނޫން. ނަމަވެސް ދިވެހިރާއްޖޭގެ ނަން ދުނިޔޭގެ ޢިލްމީ ތާރީޚުގައި ފަވައިލުމުގައި ޕްރޮފެސަރު އުގެއިލުގެ ދައުރަކީ ވަރަށް ތާރީޚީ މުޅިން އާ ދައުރެއް. ވަރަށް ޒުވާން އުމުރުގައި ޙިސާބު ޢިލްމުގެ  ރޮނގުން ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީގެ ޝަރަފު ޙާޞިލުކުރެއްވި.  އަދި ދިވެހީންކުރެ ސައިންސްގެ ދާއިރާގެ ފުރަތަމަ، އަދި ހަމައެކަނި ޕްރޮފެސަރުގެ މަގާމު ޙާޞިލުކުރެއްވި.  މިއީ ރާއްޖެއަށް ތިޔަ ބޭފުޅުންނަށް އަދި އެންމެހައި ދިވެހީންނަށް އޭނާ ހޯއްދަވައިދެއްވި ކިހައި މަތިވެރި ޝަރަފެއްތޯ؟

އުގެއިލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އައްޑޫ ސިޓީގެ ހިތަދޫގައި. ތަޢުލީމުގެ ފެށުން ގުޅިފައިވަނީ ހިތަދޫ ނޫރާނީ ސްކޫލާ. އެއަށް ފަހު، މާލޭގެ އީޕީއެސްއެސް ސްކޫލުން އުނގެނިވަޑައިތް. މަތީ ސާނަވީގައި ކިޔަވާވިދާޅުވީ މާލޭގެ ސީއެޗެއް އެސްއީގައި. ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޙާޞިލުކުރެއްވީ އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖުން. އެއަށް ފަހު، ޔުނިވަރސިޓީ އޮފް ލީޑްސް އިން ޕީއެޗްޑީ ހާޞިލްކުރައްވައި އުމުރުފުޅުން އެންމެ 38 އަހަރުގައި ޕްރޮފެސަރުކަމުގެ ޝަރަފު ލިބިވަޑައިގެން، ދުނިޔޭގެ އެ އުމުރުގެ މަދު ޒުވާން ޕްރޮފެސަރުންގެ ސަފުން ޖާގަ ހޯއްދެވި.

ޕްރޮފެސަރގެ އުގެއިލުގެ އިލްމީ ޚިދުމަތް މައިގަނޑު ދެބަޔަކަށް ބަހައިލެވިދާނެ. އެއްބަޔަކީ  ވަޒީފާގެ ވާޖިބުގެ ގޮތުންނާއި  ޢިލްމީ ޝައުޤުގެ ގޮތުން ކުރައްވާ މަސައްކަތުގެ ބައި. މި ގޮތުން ދުނިޔޭގެ އެކި ޔުނިވަރސިޓީތަކުގައި ތަޤުރީރުކުރެއްވުމާއި، ޢިލްމީ ބޮޑެތި މަޝްރޫޢުތައް ހިންގެމުން ހިމެނޭ. މިހާތަނަށް އުގެއިލުގެ ބެއްލެވުގެ ދަށުން 15 މީހަކު ޕީއެޗްޑީ ހާސިލު ކޮށް ދުނިޔޭގެ އެކި އެކި ކަންކޮޅުގައި ދިރާސާ ކުރުމާއި އުގަންނައި ދިނުމުގެ މަސައްކަތުގައި އުޅޭ. އަދި މިހާރު ވެސް ެ އުގެއިލުގެ ބެއްލެވުމުގެ ދަށުން 8 މީހެއްގެ ޕީއެޗްޑީ ތީސީސްގެ މަސައްކަތް ކުރިޔަށް އެބަ ގެންދަވާ. ދެން އޮތީ ޚިދުމަތުގެ ދެވަނަބައި. އެއީ  އިންސާނީ ވާޖިބުގެ ގޮތުން ފޯރުކޮށްދެއްވާ ޢިލްމީ ޚިދުމަތް. މާއްދީ ބަދަލެއް އޭގައި ނުހިމެނޭ ގޮތުން ދަރުމަޔަށް ކުރައްވާ ބުރަ މަސައްކަތްތައް. އޭގެ ތެރޭގައި ޚާއްޞަކޮށް ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ތަޤުރީރުކުރައްވައި، އެކި އެކި ޢިލްމީ މަޝްރޫޢުތައް  ހިންގެވުން ހިމެނޭ. މައިގަނޑު ގޮތެއްގައި މި ކަންކަން ބިނާވެފައި އޮންނަނީ ދަރިވަރުންގެ ފިކުރީ ތޫނުކަމާއި ޢަމަލީ ހުނަރުވެރިކަން މަތިކޮށް، އީޖާދީ އުފެއްދުންތެރި ޖީލެއްގެ ގޮތުގައި ގިނަ ދިވެހި ދަރީންތަކެއް ހޭނުއްވުމުގެ މައްޗަށް. ރާއްޖޭގެ އެކި ރަށްރަށުގައި އެކި ކޮލެޖުތަކުގައި ސާނަވީ މަދަރުސާތަކުގައި ޕްރޮފެސަރގެ މި އަގުހުރި ޙަރަކާތްތައް ހިންގެމުންދޭ.  މީގެ އިތުރަށް އޭނާގެ ޚިދުމަތް ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވާނީ ޓީވީ ޕްރޮގްރާމުތަކުން. ނޫސް މަޖައްލާތަކުން. އަމިއްލަފުޅަށް ލިޔެއެކުލަވައިލައްވައި ތިޔަ ބޭފުޅުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށްޓަކައި ޝާއިޢުކުރެއްވި "ސިއްހީ ހަދިޔާ" ފޮތަކީ ވެސް މީގެ ސާފު މިސާލެއް. މި ކަންކަމަށް އުގައިލު ވަގުތު ހުސްކުރައްވަނީ ވަޒީފާގެ ބުރަ ތާވަލަށް އުނިކަމެއް އަޔަނުދެއްވާ.

ޙަޤީޤަތުގައި ޕްރޮފެސަރ ޢުޤެއިލު އަދާކުރައްވާ ވަޒީފާއަކީ ވަރަށް ޝަރަފުވެރި އަދި އެހާމެ މަސްއޫލުވެރިވާން ޖެހޭ ވަޒީފާއެއް. އޭނާ ވަޒީފާ އަދާކުރައްވާނީ އިނގިރޭސިވިލާތުގެ ބްރެޑްފަރޑް ޔުނިވަރސިޓީގެ ސިނިއަރ ޕްރޮފެސަރެއްގެ ގޮތުގާ. އޭނާގެ އުފެއްދުންތަކާއި އީޖާދުތަކުގެ މައިގަނޑު ދާއިރާއަކީ ވިޜުއަލް ކޮމްޕިއުޓިންގ.

އާދެ! ތިޔަ ބޭފުޅުން ޢިލްމީ މުތްތައް ލިބިގަތުމަށް އެ ބޭފުޅެއްގެ އަރިހަށް ތިޔަ ވަޑައިގަތް  ހަރުދަނާ އަގުހުރި ޝަޚްޞިއްޔަތަކީ، ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖޭގައި ދެވޭ އެންމެ މަތީ ގައުމީ އެވޯޑް ހާޞިލުކުރައްވައިފައިވާ، އީޖާދާއި އުފެއްދުންތެރިކަމުގެ ރޮނގުން ގައުމީ އިނާމު ޙާޞިލުކުރައްވައިފައިވާ، މީގެ އިތުރަށް އޭނާ ވަޒީފާ އަދާކުރައްވާ އިނގިރޭސި ވިލާތުގެ ބްރެޑް ފަރޑް ޔުނިވަރސިޓީގެ ވައިސް ޗަންސެލަރ ދެއްވާ އެކްސެލެންސް އިން ނޮލެޖް ޓްރާންސްފަރ އެވޯޑް ވެސް ޙާޞިލްކުރައްވައިފައިވާ ފަޚްރުވެރިޔާ ޕްރޮފެސަރ ޙަސަން ޢުގެއިލް.