ދަރިއަކު ކާމިޔާބު މީހަކަށް ހެދުމަށް ކަންތައް ކުރަންވީ ކިހިނެއް؟
"އަޅުގަނޑުގެ ދަރިފުޅަކީ ކާމިޔާބު މީހަކަށް ހެދުމަށް ކަންތައް ކުރަންވީ ކިހިނެއް؟" މިއީ ފަހަކަށް އައިސް ވަރަށް ގިނައިން މައިންބަފައިން އަޅުގަނޑާއި ކުރާ ސުވާލެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ހަމަގައިމު ވެސް ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހެއްގެ ދަރިއަކަށް ކާމިޔާބު މުސްތަގުބަލެއް ހޯދައި ދިނުމެވެ. ދަރިފުޅުގެ މުސްތަގުބަލާއި މެދު ދެކޭ ފޮނި އުއްމީދުގެ ސަބަބުން ވެސް މެއެވެ. ނަމަވެސް، މައިންބަފައިން ދަރިންނާއި މެދު ދެކޭ އެފަދަ ފޮނި އުއްމީދުތައް އެ މައިންބަފައިން އަމިއްލައަށް ހަލާކުކޮށްލެވޭ ފަހަރު ވެސް މަދެއް ނޫނެވެ.
ތިމާގެ ދަރިފުޅަށް ކާމިޔާބު މުސްތަގުބަލެއް ހޯދައިދިނުމަށް މައިންބަފައިންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ކަމަކީ ދަރިފުޅު އެންމެ ކުޑަ އިރުއްސުރެން އެންމެ ޝައުގުވެރިވާ ކަންކަމަށް އެކުއްޖަކަށް ހިތްވަރުދީ އެރޮނގުން ކުއްޖާއަށް ފުރުސަތުތައް ފަހި ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމެވެ. އަދި އެކަމަށް ކުއްޖާގެ ލޯބި ޖެއްސުމަށް މަސައްކަތް ކުރާށެވެ. ދަރިފުޅަށް ކާމިޔާބު މުސްތަގުބަލެއް ހޯދައިދިނުމުގެ ވިސްނުމުގައި ކުއްޖާގެ ކުޑައިރުގެ އުއްމީދުތަކާއި ދެކޮޅަށް މަންމަ ނުވަތަ ބައްޕަ ބޭނުންވާ ދާއިރާއަކަށް ކުއްޖާ ގެންދިއުމަށް ކުއްޖާއަށް މަޖްބޫރު ނުކުރާށެވެ.
ތިމާގެ ދަރިފުޅު ޝައުގުވެރިވާ ދާއިރާއެއް އެ ކުއްޖަކު އަމިއްލައަށް ކަނޑައެޅުމަކީ ބައެއް މައިންބަފައިންނަށް ގަބޫލު ކުރެވޭކަމެއް ނޫނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެފަދަ ފަރާތްތަކަށް ބައެއްފަހަރަށް ހީވެފައި އޮންނަނީ ކުއްޖާ މުސްތަގުބަލުގައި ކުރިއަށްދާނެ ރޮނގު ކަނޑައަޅާ ވަރަށް ވުރެ އެކުއްޖާ "ކުޑަ" ކަމަށެވެ.
ހަމައެހެންމެ، ގިނަ ފަހަރަށް، ދަރިފުޅު ކިޔަވަން ބޭނުން ނުވާ މާއްދާތައް ކިޔެވުމަށް މަޖުބޫރުކޮށް ތިމާގެ ދަރިފުޅަކީ ހުރިހާ މާއްދާއަކުން އެންމެ މަތީ ވަނަ ނަގާ ކުއްޖާ ކަމުގައި ހެދުމަށް މައިންބަފައިން ބޭނުން ވެއެވެ. ރަނގަޅެވެ. މަތީ ވަނަތައް ހާސިލު ކުރުމަށް ގަދައަޅާ މަސައްކަތް ކޮށް ކުއްޖާ އަށް އެކަމަށް ހިތްވަރު ދިނުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، މިއާ ގުޅިގެން ކުރެވިފައިވާ ސައިންސުގެ ދިރާސާއެއް މިތާ ހާމަ ކޮށްލާނަމެވެ.
އެމެރިކާގެ ސައިކޮލޮޖިސްޓެއް ކަމަށްވާ އެލިސް ޓޯރެންސް ދުނިޔޭެގެ ކާމިޔާބު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭގޮތުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އެފަދަ މީހުން ކާމިޔާބު މީހުންނަށް ވެފައިވަނީ ކޮންމެހެން އެމީހުންގެ ސުކޫލުް ދުވަސްވަރު ހޯދާފައިވާ ރަންވަނަ ތަކުން ނޫންކަން ވަނީ ހާމަވެފަ އެވެ. މި ދިރާސާގައި އޭނާ ވަނީ ދުނިޔޭގެ ނަން މަޝްހޫރު ސައިންސްވެރިންނާއި، އުފެއްދުންތެރިންނާއި، މުދައްރިސުންނާއި އަދި ކާމިޔާބު ވިޔަފާރިވެރިންގެ ދިރިއުޅުމަށް ބަލާފަ އެވެ. ޓޯރެންސްގެ މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި އެމީހުންނަކީ ކާމިޔާބު މީހުންނަށް ވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ކުރެވުނު ބުރަ މަސައްކަތާއި އެމީހުންގެ އުފެއްދުންތެރިކަން ކަމެވެ.
ހަމަމިއާއެކު، ވިސްނާލަން ޖެހޭ ވަރަށް މުހިއްމު އެހެން ނުކުތާއެއް ވެސް މިތާ ހާމަ ކޮށްލާނަމެވެ. އެއީ، އަޅުގަނޑުމެން ކުދިންނަށް ހިތްވަރު ދިނުމުގައި ބޭނުން ކުރަންޖެހޭ އުކުޅެއްގެ ވާހަކަ އެވެ. ކުއްޖާ މޮޅުކަމެއް ކޮށްފިނަމަ ނުވަތަ ކަމެއްގައި ކާމިޔާބު ހޯދައިފި ނަމަ ކުއްޖާ އަކީ ސީދާ ވަރަށް މޮޅު މީހެއް ކަމަށް ބުނެ ހިތްވަރު ދިނުމުގެ ބަދަލުގައި އެކުއްޖަކު ހޯދި ކާމިޔާބީއަކަށް ތާރީފު ކުރާށެވެ. މިސާލަކަށް، ކުއްޖަކު ދިވެހި ބަހުގެ ޓެސްޓަކުން މަތީ މާކްސް ހޯދުމުން "ދަރިފުޅު ތިއީ އަދަޔާ ހިލާފަށް މޮޅު ކުއްޖެއް" މިހެން ބުނުމުގެ ބަދަލުގައި "ދަރިފުޅު ދިވެހި ޓެސްޓުުން މަތީ މާކްސް ލިބުމުން މަންމަ ވަރަށް އުފާވި، ތިގޮތަށް ހިތްވަރާ އަދި ހިއްމަތާ އެކު އަބަދުވެސް މަސައްކަތް ކުރާތި" މިފަދަ މޭރުމަކުން ކުއްޖާއާ މުއާމަލާތް ކޮށް، އެއީ ކުއްޖާ ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ކުއްޖާއަށް ވިސްނާދިނުން މާ ބުއްދިވެރި ވާނެެ އެވެ.
މިއާއި ހިލާފަށް ކުއްޖާ ހޯދާ ކާމިޔާބީގައި ކުއްޖާއަށް ހިތްވަރު ދިނުމުގެ ގޮތުން ބައެއް މައިންބަފައިން އެއީ ވިސްނުން ތޫނު މޮޅު ކުއްޖެކަމަށް ބުނެ އޮއްސާލާ ތާރީފުގެ ބަސްތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާކަމަށް ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. އެފަދަ ގޮތްގޮތައް ހިތްވަރު ދިނުމުން އޭނާއަކީ މޮޅު މީހެއްކަމަށް މައިންބަފައިންނާއި ޓީޗަރުން ކުރިމަތީ ހާމަކުރުމަށް ބައެއް ފަހަރަށް ކުއްޖާ ކަންކަމުގައި މަކަރު ހަދާ އޮޅުވާލުމަށް މަސައްކަތް ވެެސް ކުރުން އެކަށީގެން ވެއެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ އެ އާދަތަކުން އޭނާގެ ދިރިއުޅުން އެއްކޮށް އެހެން މިސްރާބަކަށް ދިއުމަށް ވެސް މަގުފަހި ވެއެވެ.
އެހެންކަމުން، ކުއްޖާ ހޯދާ ކާމިޔާބީއަށް ތާރީފުކުރުމުގައި އޭނާ އަކީ މޮޅު މީހެއްކަމަށް ބުނުމުގެ ބަދަލުގައި އެއީ އެކުއްޖާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ނުވަތަ މަސައްކަތް ކުރެވުނު ގޮތުގެ ފުރިހަމަ ކަމުން ލިބުނު ކާމިޔާބީ ކަމުގައި ވިސްނައިދީ ކުއްޖާއަށް ލިބުނު އެކާމިޔާބީއާއިގެން ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ. އަދި ކާމިޔާބީ އަކީ ބުރަ މަސައްކަތުން ހޯދޭ އެއްޗެއްކަމަށް ބުނެ ކާމިޔާބީ ހޯދުމަށް ހުރި ގޮންޖެހުންތަކަށް ކުއްޖާއަށް ވީ މިންވަރަކުން ހިތްވަރު ދިނުމަށް މަސައްކަތް ކުރާށެވެ.