ކަންކަމަށް ޝުކުރުވެރިވާށެވެ. އޭގެ ފައިދާ ފަހުން މާބޮޑުވާނެއެވެ.
ލިބޭމިންވަރަށް ނުވަތަ ހާސިލް ކުރެވޭ ކުދިކުދި އުފާތަކަށް ޝުކުރު ކުރުމަކީ އޭގެ ފައިދާ މުޅި ދިރިއުޅުމަށް ވެސް ކުރާނެ ކަމެކެވެ. އެއް ދުވަސްވަރެއްގައި އަޅުގަނޑާއި އެކު އޮފީހުގެ އިސްވެރިއަކަށް މަސައްކަތް ކުރި މީހެއްގެ ވާހަކަ ފާހަގަ ކޮށްލާނަމެވެ. އެނާގެ ދަށުން މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް، އޭނާގެ އަތު ލިޔުމުން ތައްޔާރު ކުރެވޭ ނޯޓުތައް ވަރަށް ގިނައިން ފޮނުވައެވެ. މިނޯޓުތަކުގައި މުވައްޒަފުން ކޮށްދީފައިވާ މަސައްކަތްތަކާއި އަދި އެމީހުންނާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ އެކަމާއި އުފާވާކަމަށް އޭނާ ފާހަގަ ކުރެއެވެ. އަދި ބައެއް ފަހަރަށް ކުރިން ހޯދިފައި ހުންނަ ކާމިޔާބީތަކުގެ ވާހަކަ ވެސް އޭނާ އެނޯޓުތަކުގައި ފާހަގަ ކުރެއެވެ. އެނާގެ މި ފުރިހަމަ އަމަލުން، އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެމީހުން ކުރާ މަސައްކަތް ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިތުރަށް ބުރަކޮށް މަސައްކަތް ކުރުމަށް ހުރިހާ މުވައްޒަފުންނަށް ހިތްވަރު ލިބިގެން ދެއެވެ. ހަގީގަތަކީ، މިގޮތަށް ތިމާ ކުރާ މަސައްކަތް އެހެން މީހަކު ފާހަގަކޮށް އެއަށް ތާރީފު ކުރުމުން، އޭގެ ބަދަލުގައި ތިމާ އަދާކުރަން ޖެހޭ ޒިންމާގެ މުހިއްމުކަން އަމިއްލައަށް އިހްސާސް ކުރެވެއެވެ.
ތިބާއަށް ލިބިފައިވާ، ކުޑަ ނަމަވެސް، ނިއުމަތަކާއި މެދު ވިސްނާލަބަލާށެވެ. ތިބާ ދުނިޔޭގައި ލަހައްޓަވާފައި ހުރުމާއި ތިބާ ދެކެ ލޯބިވާ މީހުން ވެސް އެބަތިއްބެވެ. ހަމައެހެންމެ، ކޮންމެވެސް ވަރެއްގެ ދުޅަހެޔޮ ސިއްހަތެއް ވެސް ތިބާއަށް ލިބިފައި ވެ އެވެ. އާދައިގެ ނަމަވެސް ކޮންމެވެސް ވަރެއްގެ ފުދުންތެރި ދިރިއުޅުމެއް ލިބިފައި ވެއެވެ. މިއީ ހައްތާވެސް ޝުކުރު ހައްގު އުފާތަކެވެ. ނޫންތޯ އެވެ؟
ލިބިފައިވާ މިފަދަ ނިއުމަތްތަކާއި މެދު އެންމެ ފަހުން ތިބާ ވިސްނާލީ ކޮންއިރަކު ތޯ އެވެ؟ ބައެއް ފަހަރަށް، ދިރިއުޅުމުގައި ކުރެވޭ ބުރަ ތަޖްރިބާތަކުގައި އަރަގު ވެފައިހުންނައިރު މިފަދަ ކަމަކާއި މެދު ވިސްނާލަން ފުރުސަތު ލިބޭނެކަމަށް ގަބޫލުކުރަން ދައްޗެވެ. ނަމެވެސް، އަބަދުމެ ކަހަލަ ގޮތަކަށް ތިމާއަށް ލިބިފައި ނުވާ ނިއުމަތްތަކާއި މެދު ވިސްނައި އެކަމުގައި ތާ އަބަދު ފިކުރު ކުރެވެއެވެ. އެހެން ނޫންތޯ އެވެ؟
ދިރިއުޅުމަކީ، ހަމައެކަނި ތިމާ ބޭނުންވާ ކަންކަންކުރުމާއި މެދު ފިކުރުކޮށް މުޅި އުމުރު ހުސް ކުރުމެއް ނޫނެވެ. ތިމާއަށް ކަންކަން ހާސިލުވެފައިވާކަން ގަބޫލުކޮށް އެކަމަށް ޝުކުރުވެރިވުމަކީ ވެސް އޮންނަށް ޖެހޭ މުހިއްމު ކަމެކެވެ. ދިރިއުޅުމަކީ ތާއަބަދަށް ދެމިގެންދާނެ އެއްޗެއް ނޫންކަމާއި، މި ދުނިޔޭގައި ދިރިއުޅުމުގެ ފުރުސަތަކީ އެންމެ ފަހަރަކު ލިބޭނެ އެއްޗެއް ކަމާއިމެދު ވިސްނަންވާނެއެވެ. މިސަބަބާއި ހުރެ، މިދުނިޔޭގައި ދިރިއުޅުމަށް ލިބިފައިވާ ފުރުސަތު އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އެހެންކަމުން، ތިމާއަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވެ، އެކަމުގެ އުފާ ހާސިލު ކޮށްލުމަށް ކުޑަ ވަގުތު ކޮޅެއް ނަމަވެސް ހޭދަކޮށްލާށެވެ. އެއިން ލިބޭނެ ފައިދާ ވަރަށްވެސް ބޮޑުވާނެއެވެ. މިއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.