ކުޑައިރުގެ ޢީދު ހަނދާންތައް
މިއީ މީގެ ސާޅީހަކަށް އަހަރު ކުރީގެ ވާހަކަތަކެކެވެ. މިއީ އަޅުގަނޑުގެ ހަޔާތުގެ ބާބުތަކުން ޢީދުގެ ހަނދާންތައް ބަޔާންކޮށްދޭ ސަފްހާތަކުން ގެނެސްދެވޭ ވާހަކަތަކެކެވެ.
އެޒަމާނުގައި ޢީދަށް މީހުން ވަރަށް ދުރާލާ ތައްޔާރުވާން ފަށައެވެ. މިގޮތުން، ފިތުރު ޢީދަށް ތައްޔާރުވުމުގެ ގޮތުން ރަމަޟާން މަހުގެ އެންމެފަހު ދެތިންދުވަހު ކުކުޅުހާ ހިފުމުގެ ކަންތައްތަކުގައި ރަށުގެ މީހުން މަޝްއޫލު ވެއެވެ. ކުކުޅުހާ ހިފަން، އެސޮރުމެން ފަހަތުން ގޯތިތައް ގިރާކޮށް ދުވެ ހެދުމަކީ އަޅުގަނޑުވެސް ވަރަށް ގަޔާވެގެން އޭރު ކޮށްއުޅުނު ކަމެކެވެ. އެޒަމާނަކީ ބޭނުންހާ ދުވަސްތަކުގައި ކުކުޅުކޮޅެއް ކާލަން ލިބޭ ޒަމާނެއް ނޫނެވެ. އެހެންކަމުން، ޢީދުދުވަހުގެ މެންދުރު ލިބޭ ކުކުޅު ކެއުމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވެއެވެ.
ކުކުޅުގެ އިތުރުންވެސް ޢީދުދުވަހު ލިބޭ "ޢީދު ބޯކިބާ" އަދި އެހެނިހެން ހެދިކާއާއެކު ލިބޭ "ކިރުސައި" ބުއިމަކީވެސް ޢީދުދުވަހުގެ ވަރަށް ޚާއްސަ ކަމެކެވެ. ޢީދުދުވަހު ކުކުޅު ކެއުމަށް އިންތިޒާރުކުރެވޭ ފަދައިން ހެނދުނު ލިބޭ ސަޔަށްވެސް އިންތިޒާރުކުރެވެއެވެ. އަޅުގަނޑުގެ ހަނދާން ކުށްނޫންނަމަ، ކިރުސައިފޮދެއް އޭރު ލިބެނީ ހަމައެކަނި ޢީދު ދުވަހުއެވެ. އެހެންކަމުން، ޢީދުނަމާދަށް ފަހު، ތިމާގެމީހުންނާއި އަވަށްޓެރިންގެ ގޭގެއަށް ގޮސް ސައި ބުއިމުގައި މަޝްއޫލުވެ އުޅޭ ހަނދާން އަޅުގަނޑު އެބަހުއްޓެވެ. އެޒަމާނުގައި އަވަށްޓެރިންނަށް ޢީދު ސަޔަށް ދައުވަތުދީ ހެދުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އެހެންކަމުން، އެގޭގެއަށް ޒިޔާރަތްކޮށް ކައިބޮއި ހަދައި، އަވަށްޓެރިންނާއި ގުޅުން ބަދަހި ކުރުމަކީ އޭރު ޢީދުދުދުވަސް ޚާއްސަވެގެންދާ އެއްކަމެވެ.
ޢީދުދުވަހު ދެން އެންމެ ފާހަގަ ކޮށްލެވޭ މުހިންމު ކަމަކީ ޢީދަށް އާހެދުން ހޯދުމެވެ. މިގޮތުން، ޢީދު އައުމުގެ ދެތިންދުވަސް ކުރިން ޢީދު ހެދުން ފަހާ ޢީދަށް ތައްޔާރުވެއެވެ. އެޒަމާނުގައި ހެދުން ލިބުމަކީވެސް އެހާފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ޢީދުދުވަހު، އާހެދުން ލައި ޒީނަތްތެރިވެގެން ގެއިން ބޭރަށް ނިކުމެ އުޅުމަކީ ވަރަށް އުފާވާ ކަމެކެވެ.
ޢީދުދުވަހު ކުޅިވަރުތައް ކުޅުމަކީ ވަރަށް ކުރީއްސުރެވެސް ކުރެވެމުން އައި ކަމެކެވެ. އެހެންނަމަވެސް، މިހާރާއި ޚިލާފަށް ކުޅިވަރުތައް ކުޅުމަށް ވަކި ޚާއްސަ ތަންތަން ގާއިމް ކުރެވިފައެއް އޭރު ނުވެއެވެ. ޢީދުގެ ބަންދު ދުވަސްތަކުގައި ރައްޓެހިންނާއެކު މަގުމަތީގައި ފުޓްބޯޅަ ކުޅޭ ހަނދާން އަޅުގަނޑު އެބަހުއްޓެވެ. އޭރު ބޯޅައެއްގެ ގޮތުގައި ބޭނުން ކުރެވުނީ ސްޓާކީނަކަށް ފޮއްޗާއި، ސްޕޮންޖް އަޅައި ބަނދެގެން ހަދާފައިވާ ބޯޅައެކެވެ. އަދި މަގުމަތީގެ ދެފަރާތުގައި ގަލުން "ގޯލު" ހަދައިގެން އަޅުގަނޑުމެން އޭރު ފުޓްބޯޅަ ކުޅެ އުޅުނީމެވެ.
ޢީދުދުވަހުގެ ކުޅިވަރުތަކުގައި ފެންކުޅިކުޅުމަކީވެސް އޭރު ވަރަށް ކޮށްއުޅޭ ކަމެކެވެ. މިގޮތުން "ޢީދު ހެދުން" ލައިގެން ހުރިމީހެއްގެ ގަޔަށް ފެންޖެހުން އެއީ ކުރެވޭ "ވަރަށް މޮޅު" ކަމެކެވެ.