Ugail

ދިރިއުޅުން

މޮޅުމީހަކަށް ވުމަށް ނަންހިނގާ އާއިލާއަކަށް ތިމާ ނިސްބަތްވާކަށް ނުޖެހޭ

Published on 2/6/2017

ދުނިޔޭގެ ތާރީހުގެ ތެރެއިން ފެނިފައިވާ ވަރުގަދަ ޝަހުސިއްޔަތުތައް ނުވަތަ ކަންކަމުގައި ބޮޑެތި ކާމިޔާބު ހޯދާފައިވާ މީހުންގެ ދިރިއުޅުމާ މެދު ތިބާ އެއްވެސް ވަރަކަށް ވިސްނާލިން ތޯ އެވެ؟ އެފަދަ މީހުންގެ ދިރިއުޅުމަށާއި އަދި ހޯދާފައިވާ ކާމިޔާބީތަކާމެދު ފިކުރު ހިންގައިފިނަމަ ފާހަގަ ވެގެންދާނެ އެއްކަމަކީ، އެއިން ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ފެށިގެން އައިސްފައިވަނީ ވަރަށް ވެސް އާދައިގެ ގޮތުގައި ކަމެވެ. މިކަމަށް ހެކިދޭ ބައިވަރު ދުނިޔަވީ މިސާލުތައް އެބަހުއްޓެވެ.

މުޅި ދުނިޔެއިން ގުނާލެވުނު މޮޅު ހިސާބު އިލްމުވެރިޔާ ސިރިނިވާސާ ރަމާނުޖަން ގެ ވާހަކަ އަޑުއެއްސެވީ ތިޔައިން ކިތައް ބޭފުޅުން ތޯ އެވެ؟ ސިރިނިވާސާ ރަމާނުޖަން އަކީ އަވަށްޓެރި އިންޑިޔާގެ ހިސާބެއް ކަމަށްވާ ޓަމިލް ނާޑޫގެ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވި މީހެކެވެ. އޭނާ އަކީ ހިސާބު އިލްމުގެ އަރާހުރި މާހިރެއް ކަމަކު ހައިރާން ކުރުވަނިވި ހަގީގަތަކީ،  އޭނާ އަކީ ދުވަހަކު ވެސް ހިސާބު އިލްމު އުގެނުމަށް އެފަދަ ކުލާހަކަށް ނުވަތަ މަދުރަސާއަކަށް ދިޔަ މީހެއް ނޫން ކަމެވެ. ރަމާނުޖަންގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތަކަކީ ހިސާބު އިލްމުގެ އާ ހޯދުންތައް އަމިއްލައަށް ހޯދައި ދިރާސާކުރުމުގެ މަސައްކަތް ކުރުމަށް އޭނާ ހޭދަކުރި ދުވަސްތަކެވެ. ރަމާނުޖަން އަށް ދުނިޔޭގެ ސަމާލުކަން އަމާޒުވީ އޭނާ ކުޑައިރު ކޮށްފައިވާ ދިރާސާތައް، އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީގެ އޭރުގެ ހިސާބު ޕްރޮފެސަރެއް ކަމަށްވާ ޕްރޮފެސަރު ހާޑީއަށް ފާހަގަ ކުރެވުނު ހިސާބުންނެވެ. ރަމާނުޖަންގެ މަސައްކަތުގެ މޮޅުކަން ފާހަގަކުރެވި ޕްރޮފެސަރު ހާޑީ ކެމްބްރިޖުގެ ޓްރިނިޓީ ކޮލެޖްގައި އޭނާ އާއެކު ފަސްއަހަރު ދުވަސް ވަންދެން މަސައްކަތް ކުރުމުގެ ފުރުސަތު ރަމާނުޖަންއަށް ފަހިކޮށް ދިނެވެ. ޕްރޮފެސަރު ހާޑީ އާއެކު ކެމްބްރިޖްގައި ރަމާނުޖަން ހޭދަކުރި ކުރު މުއްދަތުގައި، އޭނާ ކޮށްފައިވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް ވަނީ ދުނިޔޭގެ އެންމެ މަތީ ސައިންސުވެރިންގެ މަގާމު ކަމަށްވާ ފެލޯ އޮފް ރޯޔަލް ސޮސައިޓީގެ މަގާމު ވެސް އެރުވިފަ އެވެ.

މި މަގާމު އޭނާއަށް ލިބުނީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އުމުރުން އެންމެ 32 އަހަރުގައި ރަމާނުޖަން ދުނިޔެދޫކޮށް ގޮސްފައި ވާއިރު، އޭނާ ދުނިޔޭގައި ހޭދަކުރި މަދު ދުވަސްކޮޅުގައި އޭނާ ވަނީ 39000 އަށް ވުރެ ގިނަ ހިސާބުގެ އީކުއޭޝަންތަކާއި ފޯމިއުލާތައް އުފައްދާފަ އެވެ. އަދި މިއިން ކޮންމެ ފޯމިއުލާއެއް ވެގެން ދިޔައީ ޒަމާނީ ހިސާބު އިލްމުގެ އެކިއެކި ބައިތަކަށް ވަރަށް ބޭނުންތެރި އަދި ވަރަށް މުހިއްމު އެއްޗެއް ގޮތުގަ އެވެ. އަދި މިހޯދުންތައް މިއަދާ ހަމަޔަށް އައިސްފައިވާއިރު، މިޖީލުގެ އެތައް ހިސާބު އިލްމުވެރިންނާއި އަދި ތަފާތު އެތައް އެހެނިހެން އިލްމުވެރިން ވެސް ވަނީ ރަމާނުޖަންގެ މަސައްކަތްތައް ސީދާ ގޮތުގައި އަދި ނުސީދާ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން އެއިން ހިތްވަރު ވެސް ހޯދާފަ އެވެ.

އާއެކެވެ. ރަމާނުޖަން އަކީ ވަރަށް ވެސް އާދައިގެ އާއިލާއަކަށް ނިސްބަތްވި މީހެކެވެ. އޭނާ ހިސާބު ތައުލީމު ހާސިލުކުރި މަދަރުސާއެއް ވެސް ނެތެވެ. ހިސާބު އިލްމުން ދުނިޔޭގެ ފެންވަރުގެ އާ ހޯދުންތައް އޭރު އޭނާ ހޯދީ އެއްވެސް އެހެންމީހެއްގެ އެހީއާ ނުލައި ގިނިކަންޏާ އެވެ. އަދި ކުރިން ވެސް ފާހަގަކުރެވުނު ފަދައިން އިލްމީގޮތުން މުޅި ދުނިޔެއަށް އިންގިލާބު ގެނެސްދީފައިވާ މި ހޯދުންތައް އައިސްފައިވަނީ ދުނިޔޭގެ ނަންހިނގާ މީހުން ދިރިއުޅޭކަމަށް ނަން މަޝަހޫރު ވެފައިވާ ހިސާބަކުން ވެސް ނޫނެވެ. އެއާ ހިލާފަށް އެ އައިސްފައިވަނީ ދުނިޔޭގެ ވަރަށް އާދައިގެ ހިސާބެއް ކަމަށްވާ އިންޑިޔާގެ ޓަމިލް ނާޑޫ އިންނެވެ.

ޔަގީނެވެ. ރަމާނުޖަން ފަދަ މީހުންގެ ވާހަކަތަކުން އިލްމީ ގޮތުން އަގުހުރި އަދި އިބްރަތްތެރި ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ހާސިލު ކުރެވެ އެވެ. އެއީ، މޮޅު މީހަކަށް ވާކަށް ވަރުގަދަ ހާންދާނެއްގެ ވެރިއަކަށް ވާކަށް ނުޖެހޭ ކަމެވެ. އަދި މޮޅުމީހަކަށް ވާކަށް މާބައިވަރު ވަސީލަތްތަކެއް ވެސް ބޭނުން ނުވާ ކަމެވެ. މޮޅު މީހަކަށް ވާން ތިމާއަށް ބޭނުންވަނީ ހިތްވަރާއި ހީވާގި ކަން އަދި ހިތްތިރި ކަމެވެ. އަދި އެކަމަށް ބޭނުންވަނީ ކެއްތެރި ކަމާއެކު ކޮށޭ މަގަކުން ކުޅަދާނަ ކަމާއެކު ކުރިއަށް ދާން ކެރުމުގެ ހުނަރެވެ.