Ugail

ސައެންސް

ރީތި ގޮތްގޮތަށް އަތުރާލެވޭ އަދަދުތަކުން ނެރެވޭ ހިތްގައިމު ތާރީޚުތައް

Published on 12/12/2012

 ޑިސެމްބަރ 2012، ފަދަ ކަލަންޑަރަކުން ދިމާވާ ތާރީޚްތަކަށް ތަބާވަނީ ހަމަ އެކަނި މާޔަން ކަލަންޑަރު ގަބޫލު ކުރާ މީހުންނެއް ނޫނެވެ.  މިގޮތުން މިސާލަކަށް، މީލާދީ ނުވަތަ ހިޖްރީ ކަލަންޑަރުން ހިތްގައިމު ގޮތަކަށް އަދަދުތައް އަތުރާލެވޭ ފަދަގޮތަކަށް ތާރީޚެއް ދިމާވުމުން އެދުވަސް ފާހަނގަ ކޮށް ޚާއްސަ ކަންތައްތައް އެފަދަ މުނާސަބަތާއި ދިމާކޮށް އަހަރެމެންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ކުރެއެވެ.  މިސާލަކަށް ފާއިތުވި އަހަރުގެ ފަހުކޮޅު އެންމެ ހިތްގައިމު އެއް ތާރީޚަކަށް ދިމާވެފައިވަނީ 12.12.12 އެވެ. މިއީ އަދަދުތައް އަތުރާލެވިފައިވާ ގޮތުން  ރީތި އަދި އެހާމެ ހިތްގައިމު ތާރީޚެއްކަން ކަށަވަރެވެ. އެހެންކަމުން ވަކިން ޚާއްސަ ކޮށް ގިނަ އަދަދެއްގެ ކައިވެނި ރާއްޖޭގައިވެސް މިދުވަހު ކުރެވިފައިވާކަން ފާހަނގަ ކުރެވެއެވެ.  

މާޔަން ކަލަންޑަރަށް ބަލާފައި މިދިޔަ އަހަރު ދުނިޔެ ނިމުމަކަށް އަންނާނެ ކަމަށް ގަބޫލުކުރި މީހުން ފަދައިން ކަލަންޑަރަކުން ހިތްގައިމު ގޮތަކަށް އަދަދުތައް އަތުރާލެވޭ ފަދަގޮތަކަށް ދިމާވާ ތާރީޚްތަކުގައި ވަކި ޚާއްސް ކަންތައްތަކެއް އެކުލެވޭ ކަމަށް ބުނާ  މީހުން (ނުވަތަ ނިއުމެރޮލޮޖިސްޓުން) ވެސް މަދެއްނޫނެވެ. މިގޮތުން ނިއުމެރޮލޮޖިސްޓުން ގަބޫލުކުރާގޮތުން، 1 އާއި 9 އަކާ ދެމެދުގެ ކޮންމެ އަދަދެއްވެސް ވަނީ ކޮންމެވެސް ޚާއްސަ ކަމަކާ ގުޅިފައެވެ. އަދި އެކި އަދަދުތައް ހިމަނައިގެން ނިކުންނަ ރީތި އަދަދުތަކަކީ، ދިރިއުޅުމަށް އޭގެ އަސަރުތަކެއް ކުރާނެ ފަދަ އަދަދުތައް ކަމަށް މިފަދަމީހުން ގަބޫލު ކުރެއެވެ. މިގޮތުން އަދަދުތަކުގެ ބޭނުން ކޮށްގެން ފާލަ ބެލުމާ ރާހި ބެލުން ފަދަ ކަންތައްތަކީ ވެސް އަހަރެމެންގެ ތެރެއިންވެސް ވަރަށް ގިނަ މީހުން ގަބޫލު ކުރާ ކަންތަކެވެ.   އެހެންނަމަވެސް، ހިސާބު އަދަދު ތަކާއި އިންސާނުންގެ ދިރިއުޅުމާ މިފަދަ ގޮތަކަށް ގުޅިފައި ވާކަމަށް ސައިންސް ހެކިކޮށެއް ނުދެއެވެ. 

އަދަދުތައް އަތުރާލެވޭ ގޮތުން އުފެދޭ ހިތްގައިމު ތާރީޚްތައް ފާހަނގަ ކޮށް އަދި އެފަދަ ދުވަސް ދުވަހު ޚާއްސަ ކަންތައް ކުރުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫނުވެ.  އެހެންނަމަވެސް،  ހިސާބު އަދަދު ތަކާއި އިންސާނުންގެ ދިރިއުޅުމާ  ވަކި  ޚާއްސަ ގޮތަކަށް ގުޅިފައިވާ ކަން ގަބޫލު ކުރުމަށް ވުރެ ބޮޑަށް މިފަދަ ތާރީޚްތައް ޚާއްސަ ކުރުމުގައި މުހިންމުކަން ބޮޑީ މިފަދަ ހިތްގައިމު ތާރީޚްތަކުން ލިބިދޭ ހިތްހަމަޖެހުމާއި އުފަލެވެ. 

ތާރީޚެއް ރީތިވެ ހިތްގައިމު ވެގެންދާ އެއްގޮތް ކަމަށްވާ އަދަދުތައް އެތުރިފައިވާ ގޮތް ނުވަތަ އޭގެ ފޯމެޓްތަކަށް ބަލާލަމާ ހިނގާށެވެ. މިގޮތުން ދުނިޔޭގައި މިހާރު އާންމުކޮށް ބޭނުންކުރެވޭ މީލާދީ ކަލަންޑަރަށް ބަލާލާނަމެވެ. 

ބައެއް ފަހަރު ތަރީޚުތައް ބަލާބެލުމަށް ރީތިވެގެންދަނީ އެއް އަދަދެއް ތަކުރާރުވުމުންނެވެ. މިސާލަކަށް 12.12.12 އެވެ. އަނެއް ބައިފަހަރު، އަދަދުތައް އެތުރިގެންދާ ތަރުތީބުންނެވެ. މިސާލަކަށް 10.11.12 އެވެ. ނުވަތަ ބައެއް ފަހަރު ތާރީޚުގެ ދެފަރާތުން ބެލިކަމުގައިވިއަސް  މެދާއިޖެހެންދެން އެއްއަދަދުތަކެއް އައުމުންވެސް އެތާރީޚު ހިތްގައިމު ވެދާނެއެވެ. މިސާލަކަށް 01.1.10 އެވެ.  

މީލާދީ ކަލަންޑަރަށް ނަޒަރު ހިންގާއިރު މިގޮތުން އެންމެ ފުރަތަމަ ދިމާވާ ތާރީޚުގެ ސިލްސިލާއަކީ 1.1.1،  2.2.2،  3.3.3 ގެ ފޯމެޓްގެ ތާރީޚުތަކެވެ. މިސިލްސިލާގެ އެންމެ ފަހު ތާރީޚަކީ 12.12.12 އެވެ.  އަހަރެއްގައި ހިމެނެނީ 12 މަސް ކަމުން މިސިލްސިލާގައި ހިމެނެނީ މިފަދަ ބާރަ ތާރީޚެވެ.  އެހެންކަމުން ދެން މިގަރުނުގައި މިފަދަ ތާރީޚެއް ދިމައެއް ނުވާނެއެވެ.  މިފަދަ ހިތްގައިމު ތާރީޚެއް ދެން އަހަރެމެންނާއި ކުރިމަތިލާނީ އަދި 88 އަހަރު ފަހުންނެވެ. އެއީ 1 ޖެނުއަރީ 2101 އެވެ. 

ދެން އަންނަ ސިލްސިލާއަކީ 1.1.11 އިން ފަށައިގެން 9.9.99 އަށް ނިމޭ މިފޯމެޓްގެ ސިލްސިލާއެވެ. މިސިލްސިލާގައި ހިމެނެނީ ނުވަ ތާރީޚެވެ. އެއީ ކޮންމެ ދިހަ އަހަރަކުން ދިމާވާނެ ތާރީޚެކެވެ. އަހަރެމެންނާއި ދެން އެންމެ އަވަހަށް ބައްދަލުކުރާ މިފަދަ ތާރީޚް އަންނާނީ މީގެ ނުވަ އަހަރުފަހުން  2.2.22 ގައެވެ. މިފަދަ އަނެއް ސިލްސިލާއަކީ 11.1.11، 22.2.22 މިފޯމެޓްގެ ތާރީޚުގެ ސިލްސިލާއެވެ. އެއްވެސް މަހެއްގައި 31 ދުވަހަށް ވުރެ ގިނަދުވަސް ނުހިމެނޭ ކަމުން މިސިލްސިލާގައި ހިމެނެނީ  މިފަދަ އެންމެ ދެތާރީޚެވެ. 

އަނެއް ސިލްސިލާއަކީ ތާރިޚުގެ ދެފަރާތުން ބެލިކަމުގައިވިއަސް އެއްވައްތަރުގެ އަދަދުތައް އެތުރިފައިވާ ތާރީޚުތަކެވެ. އެއީ 01.1.10 އާއި 09.9.90 ގެ ފޯމެޓުން މިދެމެދަށް ފެތޭ މިފަދަ ތާރީޚުތަކެވެ. މިސިލްސިލާއަށް ބަލާއިރު މިގަރުނުގައި ދެން އެންމެ ފާހަގަކޮށްލެވޭ ތާރީޚަކަށް ވެގެންދާނީ 22.02.2022 އެވެ. ނުވަތަ 22.2.22 އެވެ. 

ދެން ކަލަންޑަރުގައި ހިމެނެނީ އަދަދުތައް އެތުރިގެން ދާ ތަރުތީބުން ރީތިވާ ތާރީޚުތަކެވެ. މީގައި ހިމެނެނީ 1.2.3، ނުވަތަ 2.3.4 ނުވަތަ 5.6.7 ފަދަ ނަމްބަރުތަކެވެ. މިސިލްސިލާގެ އެންމެ ހިތްގައިމު ތާރިޚް ތަކުގެ ތެރޭގައި 1.2.3، 10.11.12 އަދި 11.12.13 ހިމެނެއެވެ. މިހިނގަމުންދާ ދިހަ އަހަރުދުވަހަށް ބަލާއިރު މިސިލްސިލާގެ އެންމެ ފަހު ތާރީޚް ދިމާވާނީ މިއަހަރުގެ ޑިސެމްބަރ އެގާރަ ވަނަ ދުވަހުއެވެ. އެއީ 11.12.13 އެވެ. އަދި އެދުވަހުގެ މެންދުރު ދެގަޑި ފަނަރައިގެ ގަޑީގެ އަދަދު އިތުރުކުރުމުން މިތާރީޚުގެ ރީތިކަން އިތުރަށް ފުރިހަމަ ވެގެންދެއެވެ. 

21 ވަނަ ގަރުނުގެ ތާރީޚްތަކަށް ބަލާއިރު މިފަދަ ހިތްގައިމު 68 ތާރީޚް ހިމެނެއެވެ. މިދިޔަ އަހަރުގެ ނިމުމާއި ހަމައަށް މީގެތެރެއިން 43 ތާރީޚް ވަނީ އަހަރެމެންނަށް އަލްވަދާއު ކިޔާފައެވެ. އެހެންކަމުން ދެން މިގަރުނުގެ ބާކީ އޮތް 87 އަހަރުތެރޭގައި އަހަރެމެންނާއި ދިމާވާނީ މިފަދަ 25 ތާރީޚެވެ. އެއީ، 

11.12.13 ވަނަ ދުވަހުގެ 14 ގަޑި 15 މިނެޓް

02.02.2020, 02.22.20, 4.3.21, 12.3.21, 1.1.22, 2.2.22, 22.2.22

03.3.30, 3.3.33, 1.2.34

04.4.40, 6.5.43, 4.4.44 

05.5.50, 7.6.54, 5.5.55

06.6.60, 6.6.66

07.7.70, 7.7.77

08.8.80, 8.8.88

09.9.90, 9.9.99

މިތާރީޚުތަކުން ދައްކާގޮތުގައި، ރީތި ތާރީޚް ތަކުގެ  ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް މިގަރުނުގެ ފާއިތުވެފައިވާ 12 އަހަރު ތެރޭގައި ވަނީ އަހަރެމެންނަށް އަލްވަދާއު ކިޔާފައެވެ. 

ކޮންމެއަކަސް، ކަލަންޑަރުން ދިމާވާ މިފަދަ ރީތި ތާރީޚް ތައް ވަރަށްވެސް ހިތްގައިމެވެ. މިގޮތުން މިއަހަރުގެ ޑިސެމްބަރ 11 ވަނަ ދުވަހަކީ މިއަހަރުގެ މިފަދަ އެންމެ ރީތި ތާރީޚެވެ.  އަދި މިތާރިޚަށްފަހު މިފަދަ އަނެއް ތާރީޚަކަށް އަހަރެމެން 2020 ވަނަ އަހަރު ވަންދެން މަޑު ކުރަން ޖެހޭނެއެވެ.