Ugail

ސައެންސް

ސައެންސްގެ އަލީގައި ކުލަ

Published on 15/3/2017

ލޮލަށްފެންނަ ކުލަތައް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ކުލަތަކުން އަޅުގަނޑުމެންގެ ވިސްނުމުގެ އިތުރުން ކުރާކަންތައްތައްވެސް ބަދަލުކުރުވައެވެ. ބައެއް ކުލަތަކުން އަޅުގަނޑުމެންގެ ލޮލަށް ފިނިކަން ގެނެސްދޭއިރު، އަނެއްބައި ކުލަތަކުން އަޅުގަނޑުމެންގެ މޫޑަށް ބަދަލުތަކެއް ގެނުވައި ކާހިތްވެސް ކަނޑުވާލައެވެ! މީހުންނާއި މުއާމަލާތްކޮށް މެސެޖްތައް ދިނުމުގައިވެސް ކުލަތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޓްރެފިކްލައިޓަކީ މީގެ އެއް މިސާލެވެ. މިސާލަކަށް، ޓްރެފިކް ލައިޓްގެ ކުލަ ރަތަށް ބަދަލުވުމުން، އޭގެ މާނައަކީ ހުއްޓޭށެވެ. އަދި ފެހިކުލައަކީ ކުރިއަށް ދިޔުމަށް އަންގާދޭ ކުލައެކެވެ. މީގެއިތުރުންވެސް، އަލަށް އުފައްދާ އެއްޗެއް ނުވަތަ ވެބްސައިޓެއް، ނުވަތަ ލޯގޯއެއްގައި އެކުލެވޭ ކުލައަކުން އެއެއްޗަކަށް މީހުންދޭ ސަމާލުކަން އިތުރުވެ ނުވަތަ ކުޑަވެގެން ދެއެވެ.

އަޅުގަނޑުމެންގެ ލޮލަށްފެންނަ ކުލަތަކާއި ބެހޭގޮތުން ވާހަކަދައްކާއިރު ދުވާލުގެ އަލި ނުވަތަ 'ވައިޓްލައިޓް' އާއި ކުލަތަކާއި ވަރަށް ބޮޑު ގުޅުމެއް ވާކަން ފާހަގަ ކޮއްލަންޖެހެއެވެ. މިގޮތުން ދުވާލުގެ އަލި ނުވަތަ ވައިޓްލައިޓްގައި އެކުލެވެނީ ހަތްކުލަކަމަށް 1665 ވަނަ އަހަރުގައި ސާރ އައިސަކް ނިއުޓަން ވަނީ ހާމަކޮށްދެއްވާފައެވެ. މިގޮތުން، އެއްޗެއްގެ ހުންނަ ކުލައަކީ އަލި އެއެއްޗަކަށް އެޅުމުން ރިފްލެކްޓް ވެގެން އަންނަ ކުލައެއްކަން ސައެންސުވެރިން ވަނީ ސާބިތު ކޮށްދީފައެވެ. މިސާލަކަށް، ގަހެއްގެ ފަތްތަކުގައި ފެހިކުލަހުންނަނީ އިރުގެ އަލީގައި ހިމެނޭ ކުލަތަކުގެ ތެރެއިން ފެހިކުލަ ފިޔަވައި އެހެން ހުރިހާ ކުލަތަކެއް ފަތުގެ ތެރެއަށް ދަމައިގަތުމުން ނުވަތަ އެބްޒޯރބް ކުރުމުންނެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ފަތުގެ ކުލަ ފެންނަނީ ފެހިކުލައިގައެވެ.

އަޅުގަނޑުމެން ލޮލަށް ފެންނަ ކުލަތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ތަފާތު އިޙްސާސްތައް ކުރުވައިދޭ އެއްޗެކެވެ. މިގޮތުން ތަފާތު ދެތިން ކުލައަކަށް ބަލަމާ ހިނގާށެވެ.

ނޫކުލަ: ނޫކުލަ އަކީ ދުނިޔޭގެ އެންމެ ގިނަ މީހުންނަށް އެންމެ ރީތި ކުލައެވެ. މިއީ މަނޑުމައިތިރިކަމާއި ގުޅިފައިވާ ކުލައެކެވެ. ދުނިޔޭގެ އެންމެ ބޮޑުބައެއް ވަނީ ނޫކުލައިގައެވެ. މިގޮތުން، ކަނޑުތަކާއި އުޑުވެސް އަޅުގަނޑުމެންނަށް ފެންނަނީ ނޫކުލައިގައެވެ. ނޫކުލައަކީ އިތުބާރާއި ވަފާތެރިކަމުގެ ކުލައެކެވެ. ނޫކުލަ ހުރިތަނެއްގައި މަސައްކަތްކުރާއިރު، މީހުންގެ އުފެއްދުންތެރިކަން އިތުރުވެ މީހާ މަޑުމައިތިރިވެއެވެ. އަދި ކުރަންބޭނުންވާ މަސައްކަތަށް މީހާގެ ވިސްނުން ފަސޭހަކަމާއެކު ފޯކަސް ކުރެވެއެވެ. ބައެއް ހޯދުންތަކުން ދައްކާގޮތުން ބޮޑީ ބިލްޑް ކުރާމިހުންނަށް ނޫކުލަ ހުރިތަނެއްގައި އާދަޔާއި ޚިލާފަށް ބޮޑު ބަރުތައް އުފުލެއެވެ.

ފެހިކުލަ: މިއީ ހެދިބޮޑުވުމާއި، އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުގައިވާ ގަސްގެހީގެ ކުލައެވެ. މިއީ އެކަކު އަނެކަކަށް އެހީތެރިވުމާއި، ސުލްހައާއި މަސަލަސްކަމާއި ގުޅިފައިވާ ކުލައެކެވެ.

ރީނދޫކުލަ: ރީނދޫ ކުލައަކީ އިރުގެ ކުލައެވެ. މިކުލައަކީ އުފާވެރިކަމާއި ގުޅިފައިވާ ކުލައެވެ. ރީނދޫ ކުލަހުރި ތަނެއްގައި ހުރި މީހަކަށް އިހްސާސްކުރެވޭނީ އުފާވެރިކަމެވެ. ސަބަބަކީ ރީނދޫ ކުލަ ހުރިތަނެއްގައި ހުރުމުން ސިކުންޑީގައި އުފާވެރިކަން އިހްސާސް ކުރުވައިދޭ ކެމިކަލް މާއްދާތައް އިތުރުވާތީއެވެ. އެހެންނަމަވެސް، ރީނދޫކުލަ މާބޮޑަށް ގަދަވުމުން އަލިފާނުގެ ކުލައަށް ބަދަލުވެގެންދެއެވެ. ހޯދުން ތަކުން ދައްކާ ގޮތުގައި ގަދަ ރީނދޫ ކުލަ ހުރި ތަނެއްގައި ކުޑަކުދިން ބޭތިއްބުމުން އެކުދިން ރުއިމާއި ރުޅިގަދަ ވުމުގެ ފުރުސަތު އެހެން ކުލަތަކާއި އަޅާބަލާއިރު އިތުރުވެއެވެ.

ވިޔަފާރީގެ ބާޒާރުގައި މާކެޓް ކުރެވޭ ޕްރޮޑަކްޓްތައް މީހުން ބަލައިގަތުމުގައިވެސް އޭގައި ހުންނަ ކުލަތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ދިރާސާ ކުރާފަރާތްތަކުން ހާމަ ކުރާގޮތުގައި މީހަކު އެއްޗަކާއި ނުވަތަ ތަނަކާއި މެދު ދެކޭގޮތް ފުރަމަތަ ނަޒަރުގެ ނުވަދިހަ ސިކުންތުގެ ތެރޭގައި ނިންމައެވެ. މިނިންމުމުގެ ގާތްގަޑަކަށް ފަސްދޮޅަސްދެއިންސައްތަ ހިމެނިފައިވަނީ އެއެއްޗެއްގައި ހުންނަ ކުލައަށެވެ. މާކެޓްތައް ދިރާސާކުރާ ފަރާތްތަކުން ހާމަ ކުރާގޮތުގައި ކުލައާއި މީހުން ތަކެތި ގަންނަ ގޮތާއިވެސް ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މިގޮތުން، އެއްޗެއް ފެންނަ އިރަށް އެރީތިވެގެން ނުވަތަ ކަމުގޮސްގެން ގަންނަ ފަރާތްތަކަށް އެންމެ ބޮޑަށް ކަމުދަނީ ރަތާއި އޮރެންޖަށް ދާކުލަތައް، އަދި ކަޅު އަދި ރޯޔަލް ބްލޫ އިން ހުންނަ ތަކެއްޗެވެ. އެއާއި ޚިލާފަށް ބަޖެޓަށް ބަލައިގެން ތަކެތި ގަންނަ މީހުންނަށް ކަމުދަނީ ފިޔާތޮށި، ޓީލް، މަޑުނޫ، އަދި ނޭވީ ކުލަތަކުގެ ތަކެއްޗެވެ.

ފާހަގަ ކުރެވިފައިވާނެ ފަދައިން ކުޑަކުދިންގެ ކުޅޭ ތަކެއްޗާއި، ކުޑަކުދިންނާއި ބެހޭ ވަރަށް ގިނަ ތަކެތި ހުންނަނީ ގަދަ ކުލަތަކެއްގައެވެ. މިސާލަކަށް ރަތް، ފެހި، ނޫ، އަދި ރީނދޫކުލައިގައެވެ. ސަބަބަކީ ކުޑަކުދިން މިފަދަ ކުލަތަކަށް މާގަޔާވުމެވެ. އެހެންނަމަވެސް، ކުންފުންޏަކުން، ކުޑަކުދިންނާއި ގުޅޭ ފޮތްތަކާއި، އެހެނިހެން ތަކެތި އުފައްދާއިރު، އެކުދިންގެ ބެލެނިވެރިންވެސް އެތަކެއްޗަށް ގަޔާވާފަދަ ކުލަތަކެއް ހިމަނައިގެން އުފައްދައެވެ. މިފަދަ ހާލަތްތަކުގައި އެކުންފުނީގެ އުފެއްދުންތަކުގައި ނޫކުލަ (އިތުބާރާއި ޔަގީންކަމުގެ ކުލަ)، ފިޔާތޮށިކުލަ (އަޅާލުމާއި، ހިމާޔަތްދިނުމުގެ ކުލަ)، އަދި ރީނދޫ (އުފަލާއި، މަޖަލުގެކުލަ) ހިމަނައިގެން ތަކެތި އުފައްދައެވެ.

ކުލަތަކާއި މީހާގެ މޫޑަށް އަންނަ ބަދަލުތަކާއިވެސް ވަރަށްބޮޑު ގުޅުމެއް ވާކަން ސައެންސްވެރިން ވަނީ ހޯދާފައެވެ. މިގޮތުން، ރަތްކުލަ މީހެއްގެ މޫނަށް އެޅުމުން މީހާގެ، ހިތް އަވަސްވެ، ނޭވާލުންވެސް އަވަސްވެ އެސްފިޔަޖަހާ މިންވަރުވެސް އަވަސްވެއެވެ. އަދި ލޭގެ ޕްރެޝަރުވެސް މައްޗަށް ޖެހިލައެވެ. އެއާހިލާފަށް، ނޫކުލަ އެޅުމުން މީހާގެ ލޭގެ ޕްރެޝަރު ހަމައަކަށް އެޅި ނޭވާލުމާއި އެސްފިޔަޖަހާ މިންވަރުވެސް ހަމައަކަށް އެޅެއެވެ. އެހެންކަމުން، ރަތާއި، އޮރެންޖް، އަދި ރީނދޫ ފަދަ "ހޫނު" ކުލަތަކުން އަޅުގަނޑުމެންގެ ހަށިގަނޑު "ހޫނު" ކޮށްދޭއިރު، ނޫކުލައާއި، ފެހިކުލަ އަދި ހުދުކުލަ ފަދަ "ފިނި" ކުލަތަކުން އަޅުގަނޑުމެން ހަމައަކަށް އަޅުވައިދެއެވެ.

ކުލައާއި ކާހިތްވުމާއިވެސް ވަރަށް ބޮޑުގުޅުމެއެވެއެވެ. މިގޮތުން ނޫކުލައަކީ ކާހިތް ކަނޑުވައިދޭ ކުލައެކެވެ. ގުދުރަތުން ލައްވާފައިވާ ކާއެއްޗެތީގެ ތެރޭގައިވެސް ނޫކުލައިގެ ކާތަކެތި (މޭވާ އަދި ތަރުކާރީ) ހިމެނެނީ ވަރަށްވެސް މަދުންނެވެ. ނޫކުލައިގެ މޭވާ އަދި ނޫކުލައިގެ ތަރުކާރީ ވަރަށްވެސް މަދުވާނެއެވެ. އެހެންކަމުން، ނޫކުލައިގައި ހުންނަ ކާތަކެއްޗަށް މީހުން އެހާގަޔާނުވެއެވެ. ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާއިރު، ނޫކުލައިގެ ތަށްޓަކަށް ކާއެއްޗެތި އަޅައިގެން ކެއުމަށް އަދި ކާތަނުގައި ނޫކުލައިގެ އައްޔެއް ބޭނުން ކުރުމަށް ތަޖްރިބާކާރުން ލަފާދެއްވަނީވެސް މިސަބަބާއި ހުރެއެވެ.

ކުލަތައް އަޅުގަނޑުމެންގެ ސިކުނޑިއާއި ކުޅެލާކަމުގެ އަނެއް މިސާލަކީ ކުލައާއި އަޅުގަނޑުމެންނަށް ވަގުތު އިޙްސާސް ކުރުމުގައިވެސް ވާ ގުޅުމެވެ. ފަހުގެ ހޯދުމަކުން ދައްކާ ގޮތުގައި އިންސާނާގެ ސިކުނޑީގައި އެއްމިނަޓުގެ ވަގުތަކީ އަންހެނުނަށް ވުރެ ފިރިހެނުންނަށް ގާތްގަނޑަކަށް އެގާރަ ސިކުންތު ދިގު މިންވަރެކެވެ. އެހެންނަމަވެސް، ރަތްކުލަ ހުރި ތަނެއްގައި ހުރުމުން ނޫކުލައާއި އަޅާބަލާއިރު، ދެޖިންސުގެ މީހުންގެ ސިކުނޑިއަށްވެސް ވަގުތު ދިގުވާ ކަން ފާހަގަ ކުރެވެއެވެ.

ކޮންމެއަކަސް، ކުލަތަކާއި އަޅުގަނޑުމެންނާއި ދެމެދު ވަރަށް ޚާއްސަ ގުޅުމެއް ވާކަން ކަށަވަރެވެ. ކުލައަކީ އޭގައި އާދަޔާއި ޚިލާފު ބާރުތަކެއް އެކުލެވޭ އެއިން އިންސާނާގެ ސިކުނޑިއާއި ތަފާތު ގޮތްގޮތަށް ކުޅެލާ އެއްޗެއްކަންވެސް ކަށަވަރެވެ.