Ugail

ދިރިއުޅުން

ތިބާއަށް ގައުމެއްގެ ވެރިކަން ލިބިއްޖެ ނަމަ އަމަލު ކުރާނީ ކިހިނެއް؟

Published on 8/2/2016

"ތިބާ ތިއީ ގައުމެއްގެ ވެރިމީހާ އެވެ." އެހެންކަމަށް ހިތައި ހިނދުކޮޅަކު އެކަމާ ވިސްނާ ފިކުރު ކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި އެންމެ އިސްކަންދޭނީ ކޮންކަމަކަށް ތޯ އެވެ؟ އެފަދަ މަގާމެއްގައި ހުރެގެން ގާތް ރައްޓެހިންނާއި، ހިތް ނޭދޭ މީހުންނާއި އަދި ޖުމުލަކޮށް މުޅި ގައުމުގެ އެންމެހާ ރައްޔިތުންނާއި މެދު ތިބާ އަމަލު ކުރާނީ ކިހިނެއް ތޯ އެވެ؟

ނިސްބަތުން ބަލާއިރު، ހުރިހާ ވެރިން ވެސް، އެއީ ގައުމެއްގެ ވެރިއަކަސް، ނުވަތަ ބޮޑު ހާންދާނެއްގެ އެންމެ އިސްމީހާއަށް ވިއަސް އަދި ހަމަ އެހެންމެ އާދައިގެ ކުންފުންޏެއްގެ ވެރިއަކަށް ވިއަސް، ތާއަބަދު ކުރާ އެއްކަމެއް އޮވެ އެވެ. އެއީ، ކަންކަމުގައި ގޮތް ނިންމުމެވެ. ކަންކަންމުގައި ގޮތް ނިންމުމަކީ، އަދި ވަކިން ހާއްސަކޮށް އެންމެ ރަނގަޅު ގޮތް ކަނޑައެޅުމަކީ، އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ، އެފަދަ މަގާމެއްގައި ހުންނަ މީހަކު އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ އެނާ އެކަމެއް ނިންމާ ގޮތަކާއި ވިއްދައިގެން ނިކުންނާނެ ނަތީޖާއަށެވެ. އެއީ، އެފަދަ ކަމަކުން ލިބިދާނެ ފައިދާ އާއި އެއްވަރަށް އިއާދަނުކުރެވޭ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު ވެސް އޮތުމުން ނެވެ.

ކަމެއްގައި ގޮތް ނިންމުމުގައި އަމަލު ކުރާނެ ތަފާތު އުކުޅުތައް ވެއެވެ. މިސާލަކަށް، އެމީހެއްގެ އަމިއްލަ ޒަމީރު އެކަމުގައި ގަބޫލު ކުރާގޮތާއި އެއްގޮތަށް ވެސް ކަންކަން ނިންމިދާނެ އެވެ. އަދި ބައެއް ފަހަރަށް އެހާ ޔަގީންކަމެއް ނެތްނަމަ ފައިސާ ފޮއްޗަކުން ގުރުލައިގެން ވެސް ގޮތެއް ކަނޑައެޅިދާނެ އެވެ. ކޮންމެއަކަސް، ވިސްނަންޖެހޭ ނުކުތާ އަކީ އެނިންމާ ނިންމުމަކީ ވީހާވެސް ހަމަހަމަ އަދި ގެއްލުން ކުޑަ ނިންމުމަކަށް ވުމެވެ. މިގޮތަށް އަމަލު ކުރުމަށް، ތިމާގެ އަމިއްލަ ހިޔާލަށް ވުރެ ބޮޑަށް އެހެންމީހުންގެ އުދާސްތަކާއި އިހްސާސްތަކަށް ވިސްނުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ނިންމުމަކުން ތިމާއަށް ނާޖާއިޒު ގޮތެއްގައި މަންފާ ލިބިދާނެކަމަށް އުއްމީދު ކޮށްގެން ނުވާނެ އެވެ. އެހެނީ، ކަމެއް ނިންމާއިރު ތިމާގެ އަމިއްލަ އެދުން ކުރިއަށް ނެރުމަކީ ގޯހެކެވެ.

ތިމާ އަކީ ގައުމެއްގެ ވެރިއަކަސް ނުވަތަ އެނޫން މީހަކަސް، ވިސްނަން ޖެހޭނެ ހަގީގަތަކީ، ދިރިއުޅުމުގައި ތިމާއަކީ ރަނގަޅު އިންސާނަކަށް ވުމެވެ. ތިމާ އަކީ، އަމިއްލަ އެދުމުން އެއްކިބާވެ ހުރި ހަރުދަނާ މީހަކަށް ވުމެވެ. އެވަރުން ފުދޭނެ އެވެ.