ވަކިކޮޅަކަށް ޖެހުން އެއީ ކަށީގަ ހުންނަ ކަމެއްބާ؟
މިހާރު ރާއްޖޭގެ ވެރިކަން ކުރަމުންދާ ރައީސާއި، މީގެ ކުރިން ވެރިކަން ކުރި ރައީސާއި މެދު ތިބާދެކެނީ ކިހިނެތް ހެއްޔެވެ؟ މިދެރައީސުންނާއި މެދު ތިބާ ކޮންމެ ގޮތަކަށް ދެކުނުކަމުގައި ވީނަމަވެސް، އެދެކޭގޮތަކާއި މެދު ޚިޔާލު ތަފާތުވާ ބަޔަކު ތިބާ ދަންނާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. އެކަމަކާ މެދު ނުވަތަ މީހަކާ މެދު އެކިމީހުން ދެކޭގޮތް ތަފާތުވަނީ ކީއްވެބާވައެވެ؟ މީގެ ޖަވާބަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެމީހަކުވެސް މިވަނީ ވަކިކޮޅަކަށް ޖެހިފައިކަމެވެ. ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ "ބަޔަސް" ވުމެވެ. ގަބޫލު ކުރަންވެސް ފަހަރުގައި ދަތި ވެދާނެއެވެ. އެހެންނަމަވެސް ހަގީގަތަކީ މިއެވެ. މީހަކު ވަކިކޮޅަކަށް ޖެހުމުގެ އެތަކެއް ބައިވަރު ސަބަބުތަކެއް ވެއެވެ. މިސާލަކަށް އެމީހަކު ހިމެނޭ ސިޔާސީ ޕާޓީއެއްގެ ސަބަބުން، ނުވަތަ އާއިލާއާއި ރައްޓެހިން އަދި އެމީހަކު ކިޔާ ނޫހެއް ނުވަތަ ބަލާ ޓީވީ ޗެނެލެއްގެ ސަބަބުންވެސް މީހުން ވަކިކޮޅަކަށް ޖެހުމަށް މަގުފައިވެއެވެ.
ދެން އުފެދިދާނެ ސުވާލަކީ، އަޅުގަނޑުމެން ތެރެއިން ވަކިކޮޅަކަށް ޖެހިފައި މިތިބީ ކޮންބައެއް ހެއްޔެވެ؟ ހަމަގައިމުވެސް، މީގެ ޖަވާބު ބިނާވެގެންދާނީ، ސުވާލު ކުރެވިގެންދާ ބަޔަކާއެވެ. އަޅުގަނޑުމެންނަށް ނޭގުނު ކަމުގައިވިޔަސް، އަޅުގަނޑުމެން ކުރާ ކޮންމެކަމަކާއި އަދި ވިސްނާ ކޮންމެ ގޮތަކީވެސް، އެކަމަކާއި މެދު އެމީހަކު ދެކޭގޮތުގެ މައްޗަށް ބިނާކޮށް އޭގައި ވަކި "ކުލައެއް" ޖެހިފައިވާ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން ވިދާޅުވެއެވެ. އެހެންކަމުން، ދުނިޔޭގައި ކަންހިނގާ ގޮތްތަކުގެ ހަގީގަތަށް ބަލާލުމަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް ކަންތައްތަކަށް ބަލާލެވެނީ ނުފޫޒާއި، އަމިއްލަފައިދާއަށް މަސައްކަތް ކުރަން ބޭނުންވުމުގެ ފަރުދާއެއްގެ ފަހަތުންނެވެ.
"ބަޔަސް" ނުވަތަ ވަކިކޮޅަކަށް ޖެހުން ދަނެގަތުމަށް ކުރީގައި ދެންނެވުނު މިސާލަށް އަލުން ބަލަމާ ހިނގާށެވެ. މިގޮތުން، ރާއްޖޭގައި މިހާރުވެރިކަން ކުރަމުންދާ ރައީސާއި މެދު ތިބާއަމިއްލައަށް ދެކޭގޮތާއިމެދު ވިސްނާލާށެވެ. ހެކިތަކުގެ މައްޗަށް ބިނާކޮށް މިހާރުގެ ރައީސަށް ސަޕޯޓް ކުރާ ކޮންމެމީހަކުވެސް ރައީސާއި މެދު ދެކޭގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމަށް އެމީހަކު ހިތުގެ އަޑިން ގަބޫލުކުރެއެވެ. އަދި އެއީ އެންމެ ބުއްދިގަބޫލު ކުރާފަދަ ގޮތްކަމަށް ވެސް އެމީހަކު ދެކެއެވެ. ކޮންމެމީހަކުވެސް ތިމާގަބޫލުކުރާ ކަންތައްތަކަކީ އެންމެ ތެދު އަދި އެންމެ ރަނގަޅު ގޮތްކަމަށް ދަނެއެވެ. އަދި އެކަމާ އިދިކޮޅުވާމީހުންނަކީ ވަކިކޮޅަކަށް ޖެހިފައިތިބި މީހުންކަމަށް ކޮންމެމީހަކުވެސް ބުނެއެވެ. މިހާހިސާބުން ހިތަށް އަރާފާނެއެވެ. "އެހެންމީހުންނަކީ ވަކިކޮޅަކަށް ޖެހިފައިތިބި މީހުންކަމުގައި ވީނަމަވެސް، "އަޅުގަނޑު" ވަކިކޮޅަކަށް ނުޖެހެމެވެ. އަޅުގަނޑު ގަބޫލުކުރަނީ ތެދު ހަގީގަތެވެ." އެހެންގޮތަކަށް ބުނާނަމަ، އަޅުގަނޑުމެން އަމިއްލައަށް ވަކިކޮޅަކަށް ޖެހިފައިވާ ކަމަށް އަޅުގަނޑުމެންނަށް ގިނަފަހަރަށް އިޙްސާސްވެސް ނުކުރެވެއެވެ!
އަޅުގަނޑު މިހާބޮޑު ކަނު އަދިރިކަމެއްގެ ތެރޭގައި މިވަނީކީއްވެބާ؟ އިންސާނާއަށް ވަކިކޮޅަކަށް ޖެހުން ނުވަތަ ކަމަކާއި މެދު ވަކިގޮތަކަށް ގަބޫލުކުރެވެން ފެށުމުގެ ބިންގާ އެޅެން ފަށަނީ ތުއްތުއިރުން ފަށައިގެން ނެވެ. އެމީހަކު ގަބޫލުކުރާ ކުރުންތަކާއިމެދު، ކޮންމެ މީހެއްގެ ހިތުގައި ސުވާލުތަކެއް އުފެދެއެވެ. އެހެންނަމަވެސް، އެމީހަކު ގަބޫލުކުރާ ކަންތައްތަކާއިމެދު ފުންކޮށް ވިސްނާލުމަށް އަމިއްލަ ނަފްސަށް ފުރުސަތެއް ނުދެވެއެވެ. އެހެންކަމުން، އެކަންތަކާއި މެދު ފުންކޮށް ވިސްނުމުގެ ބަދަލުގައި އެއީ އެންމެ ރަނގަޅުގޮތްކަމަށް ކޮންމެމީހަކުވެސް ނިންމައެވެ.
ކޮންމެއަކަސް، ކަމަކާމެދު ނުވަތަ ވަކިފަރާތަކާއިމެދު މީހާދެކޭގޮތް ހިއްސާކުރުމަކީ ގޯހެއް ނޫނެވެ. އެހެންނަމަވެސް، އެމީހަކު ދެކޭގޮތަށްވުރެ އިތުރަށް ތެދު ހަގީގަތަކީވެސް ވަރަށް މުހިންމުއެއްޗެކެވެ. ބައެއް މީހުން އެމީހުން ޖެހިފައިވާ ކޮޅަކީ އެންމެ ރަނގަޅު ކޮޅުކަން ގަބޫލު ކުރުމަށްޓަކައި، އެކަމަކާ ބެހޭގޮތުން ގަބޫލުކުރެވޭނެ ފަދަ "ތެދު" ތައް އަމިއްލަ ސިކުނޑީގައި އުފައްދައެވެ.
ހަމަމިގޮތުން، އެމީހަކު ޖެހިފައިވާ ކޮޅަކަށް ނުވަތަ އެމީހަކު ގަބޫލުކުރާކުރުންތަކަށް ބުރަވާގޮތަށް ކޮންމެ މީހަކުވެސް މައުލޫމާތު ހޯދައެވެ. އަދި އެކަމާ އިދިކޮޅު ފަރާތްތަކުގެ މައުލޫމާތުތަކަށް ޝައުގުވެރިކަމެއް ނުބަހައްޓައެވެ. ނޫހެއްގެ އޮންނަ ލިޔުމަކާއި ބެހޭ ގޮތުން މީހުން ކޮށްފަ ހުންނަ ކޮމެންޓުތައް ކިޔާއިރު ތިމާ ގަބޫލު ކުރާ ގޮތާއި އިދިކޮޅަށް ލިޔެފަ ހުންނަ ކޮމެންޓުތަކަށް ޝައުގުވެރިކަން ދިނުމުގެ ބަދަލުގައި ތިމާގެ ޚިޔާލާއި އެއްގޮތް ޙިޔާލުގެ މައްޗަށް ބުރަވެ މީހުން ލިޔެފައި ހުންނަ ކޮމެންޓުތަކަށް ޝައުގުވެރިކަން އަޅުގަނޑުމެންނަށް ދެވޭކަމީ ވެސް މީގެ ފުރިހަމަ މިސާލެކެވެ.
އިންސާނުން ވަކިކޮޅަކަށް ޖެހުން ނުވަތަ "ބަޔަސް" ވުމާއިމެދު ވަރަށްގިނަ ދިރާސާތައްވެސް ވަނީ ކުރެވިފައެއެވެ. މިގޮތުން ޚިޔާލުތަފާތުވާފަދަ މައުޟޫއުތަކަށް ހެކި ހިމެނިފައިވާ ލިޔުންތައް ކިޔާލުމަށް ދިނުމަށްފަހު، އެމައުޟޫއުތަކަށް ބަހުސް ކުރުމަށް ދިނުމުން ވެސް، ތަހުލީލުތަކުގައި ބޭނުނުކުރެވުނު މީހުން ބުރަވެފައިވަނީ އެމީހަކު ޖެހިފައިވާ ކޮޅަކަށް ބުރަވާ މައުލޫމާތުތަކަށެވެ. ގަބޫލު ކުރާ ގޮތާއި އިދި ކޮޅު ތެދު މައުލޫމާތުތަކަށް ގިނަ މީހުން އަހަންމިއްޔަތު ކަމެއް ނުދެއެވެ. އަދި މިދިރާސާތަކުން އެނގުނު ގޮތުގައި މީހަކު ގަބޫލުކުރާ ގޮތަކާއި މެދު އިދިކޮޅަށް ހެކިތައް ދައްކަމުންދާވަރަކަށް އެމީހަކު ގަބޫލު ގޮތް އިތުރަށް ވަރުގަދަވަމުން ދެއެވެ. މިއީ ކަންބޮޑުވާންޖެހޭ ފަދަކަމެކެވެ.
މިކަންތައް އިތުރަށް ގޯސްވެގެން ދަނީ މުޖުތަމައުގެ ތެރޭގައި ފެތުރޭ ހަގީގަތާއި ޚިލާފް ވާހަކަތަކުގެ ސަބަބުންނެވެ. އިނގިރޭސި ބަހުންބުނާމަ "ސްޕްރެޑް-ދަ-ލައި" އެވެ. އެއީ ދޮގެއް ގިނަގިނައިން ތަކުރާރުކޮށް ކަންފަތަށް އަޑު އިވެމުންދާނަމަ އާޚިރުގައި އެއީ ތެދެއް ކަމަށް ސިކުޑީގައި ހަރުލާން ފެށުމެވެ. މިސާލަކަށް، ކަނޑައެޅިގެން ދޮގުތައް ފަތުރައިގެން މީހުންގެ ސިކުނޑިތަކާއި ކުޅެލުމަކީ ޒަމާނީ ސިޔާސީ ހަރަކާތްތަކުގެ އެންމެ މުހިންމު އެއްހަތިޔާރެވެ. މިގޮތުން ސިޔާސީ ލީޑަރުން، ވަކިކަމަކާއި މެދު އާންމުން ދެކޭގޮތް ބަދަލުކުރުމަށް، ނުވަތަ ވޯޓުގެ ދުވަސްވަރު، މިފަދަ ޕްރޮޕެގެންޑާ ފަތުރައެވެ. މީގެ އެންމެ ހައިރާންކުރަނިވި ކަމަކީ މިމީހުންގެ މަސައްކަތް ކޮންމެވެސް ހިސާބަކުން ކާމިޔާބުވެގެން ދާކަމެވެ. އެހެނީ، މީހުންނަށް ގަބޫލުކުރެވޭނެ ފަދަ ވާހަކަތައް ހިމަނައިގެން ފެތުރޭ ދޮގުތައް ތަކުރާރުކޮށް މީހުންނަށް އަޑުއިވޭނަމަ، އެއީ ތެދުކަމަށް އާންމުންނަށް ގަބޫލުކުރެވެއެވެ. ދުނިޔެދުށް އެންމެ އަނިޔާވެރި އެއްއިންސާނެއް ކަމަށްވާ އެޑޯލްފް ހިޓްލަރުވެސް ސިޔާސީގޮތުން މީހުން ވާވައްދަން ބޭނުންކުރީ ހަމަ މިއުކުޅެވެ. އަދި މީގެ އެންމެ ހައިރާން ވާންޖެހޭ ކަމަކީ މިގޮތުން ދޮގެއް އެއީ ތެދެއް ކަމަށް ގަބޫލު ކުރެވުމަށް ފަހު، ފަހުން ހެއްކާއި ގަރީނާތަކުގެ އަލީގައި އެއީ ހަގީގަތާއި ޚިލާފްވާހަކައެއްކަން އެނގިގެން ދިޔަނަމަވެސް، މީހުން ކުރީގައި ގަބޫލު ކުރަމުން އައި ގޮތް ބަދަލު ނުވާ ކަމެވެ!
ކޮންމެއަކަސް، ތިމާ ގަބޫލުކުރާކުރުންތައް މުޖުތަމައުގައި ފަތުރާލެވޭ ވާހަކަތަކުގެ ނުފޫޒުން އެއްކިބާކުރެވިދާނެ ގޮތްތަކެއްވެސް އެބަހުއްޓެވެ. މިގޮތުން މީހުން ފަތުރާ ހަގީގަތާއި ޚިލާފް ވާހަކަތަކުގެ ސިލްސިލާތަކާއި މެދު ތިމާ އަމިއްލައަށް ވިސްނާށެވެ. އަދި އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު، ވަކިކޮޅަކަށް ޖެހުމުގެ ކުރިން ތިމާގެ ނިންމުންތައް ނިންމަން މެދުވެރިވި ސަބަބުތަކާއި މެދު ފުންކޮށްވިސްނާށެވެ. ކަންތައްތަކާއި މެދު ފުންކޮށް ވިސްނާމީހުން އެމީހަކު ދެކޭގޮތަށް ތާއަބަދު ތަބާވެގެން ނުތިބޭނެއެވެ. އެމީހުން ތަބާވާނީ ހަގީގަތާއެވެ. އަދިއެމީހަކު ގަބޫލުކުރާކުރުންތަކާއި އިދިކޮޅަށް ހަގީގަތަށް ބުރަވެ މީހަކު ހެކިތަކެއް ދެއްކުމުން އެކަމާއިމެދު ޖެހިލުންނުވެ، އާންމުންގެ ކުރިމަތީގައި ތިމާގަބޫލުކުރާކުރުންތައް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލުމަކީ ބުއްދިވެރިންނަށް ލިބިފައިވާ ނިއުމަތެކެވެ.